ads
ރައީސް ޑރ.މުއިއްޒު
މިނިވަންކަމަށް އިސްކަންދޭނެ ފަހުލަވާނުން މިގައުމުގައި އަބަދުވެސް ތިބޭނެ: ޑރ. މުއިއްޒު
މި ގައުމުގެ ސިޔާދަތާއި މިނިވަންކަން އިސްކޮށް، ޤައުމު ގޮވައިލި ކޮންމެ ވަގުތަކު ހިތާއި ރޫޙުން އިޖާބަދޭން ތިބި ފަހުލަވާނުން މި ފަސްގަނޑުގައި އަބަދުމެ ތިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ
Advertisement

މިއަދު ފާހަގަ ކުރައްވަމުންދާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި މި ގައުމު ދިފާއުކޮށްދިން ހިތްވަރުގަދަ ދަރީން ސާބިތުކޮށްދިނީ، އަލިރަސްގެފާނާއި ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދައިން މި ގައުމުގެ މިނިވަން ކަމަށްޓަކާއި ނިކުންނާނެ އެތަށް ފަހުލަވާނުންތަކެއް މި ގައުމުގައި އަބަދުވެސް ތިބޭނެ ކަމުގަ އެެވެ.

"މިފަދަ އަގުހުރި ދަރީން މި ޤައުމުގައި ގިނަކޮށްދެއްވުން އެދި ހެޔޮ ދުއާކުރަމުން، ނަސްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ތަކުރާރު ކުރަން" ރައީސް މުއިއްޒު ވިދާޅުވި އެވެ

ރައީސް ފާހަގަ ކުރެއްވިގޮތުގައި މާދަމާގެ އުފާފާގަތިކަމަށް ދިވެހީންކުރާ އުންމީދުތަކުގައި ކުލަ ޖައްސައިދޭނީ، ކޮންމެ ދާއިރާއަކުންވެސް ވަތަނުގެ ކުރިއެރުމާއި މަސްލަހަތަށް އިސްކަންދީ، މުރާލިކަމާއެކު ހިދުމަތް ކުރާނޭ އިހްލާސްތެރީން ވެސް މި ގައުމުގައި އަބަދުވެސް ތިބޭނެ ކަމުގަ އެވެ.

ދިވެހިރާއްޖޭގައި ނަސްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ނުރައްކާތެރި ޢުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލާ، ޢަދާވަތްތެރިންގެ މައްޗަށް ދިވެހީން ހޯދި ނަޞްރު ފާހަގަކުރުމުގެ ގޮތުންނެވެ.

އެއީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމާއި، ދިވެހި ސިފައިންގެ ގުރުބާނީގެ ދުވަހެކެވެ.

1988 ނޮވެންބަރު ތިންވަނަ ދުވަހު ދިވެހިރާއްޖެއަށް ނިރުބަވެރީން ދިން ނުރައްކާތެރި އުދުވާނީ ހަމަލާއިން ދިވެހީންނަށް ލިބިގެންދިޔަ މަތިވެރި ނަސްރު ގުޅިފައިވަނީ ދިވެހީން އެ ދުވަހު ދައްކައިދިން އެއްބައިވަންތަކަމާއި، ދިވެހި ސިފައިން އެ ދުވަހުވީ މަތިވެރި ގުރުބާނީއާއެވެ.

އެ އުދުވާނީ ހަމަލާ މާތްﷲގެ ވާގިފުޅާއެކު ނާކާމިޔާބުކޮށްލީ ދިވެހީންނެވެ. ދިވެހި ސިފައިންގެ ހިތްވަރާއި ހިންމަތާއި މިންނަތުންނެވެ.

އެ ދުވަހު ދިވެހީންނަށް ނަޞްރު ލިބިގެން ދިޔައީ ދިވެހީން ލެއާއި ފުރާނައިން މި ގައުމަށްޓަކައި ޤުރުބާންވެގެންނެވެ. 

ނުރައްކާތެރި މި ނިރުބަވެރި ހަމަލާގައި ދިވެހީންގެ ތެރެއިން 19 މީހުން ޝަހީދުވިއެވެ.

އޭގެތެރެއިން 8 ބޭފުޅުންނަކީ ހިތްވަރުގަދަ ދިވެހި ސިފައިންނެވެ. އަނެއް 11 ބޭފުޅުންނަކީ އާންމު ރައްޔިތުންނެވެ. 

މި ހަމަލާގައި 39 ދިވެހީން ޒަހަމުވެފައިވާއިރު، އެތައް ބަޔަކަށް ޖިސްމާނީގޮތުންނާއި ނަފުސާނީގޮތުން ބޮޑެތި ގެއްލުންތަކާއި އަނިޔާތައް ލިބުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް