
އެއާޕޯޓުގެ އާ ޓާމިނަލް (ޓީ1) ހުޅުވުމަށް މިރޭ ކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް އެ ތަނުގެ މަންޒަރު ބަދަލުކޮށްލެއްވީ ރައީސް މުއިއްޒު ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އާ ޓާމިނަލްގެ މަސައްކަތް އަވަސްކުރުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ 2023 ވަނަ އަހަރު މަގާމާއި ހަވާލުވިއިރު ތަނުގައި ހުރީ ހުސް ހުރަސްތައް ކަމަށާއި ނަމަވެސް އެންމެ ދޮޅު އަހަރުން ޓާމިނަލް 70 ޕަސެންޓްގެ މަސައްކަތް މި ސަރުކާރުން ނިންމި ކަމަށެވެ.
ޝަރީފް ވިދާޅުވީ 10 އަހަރު ވާން ދިޔައިރު ވެސް އެއާޕޯޓުގެ ޓާމިނަލް މަސައްކަތުގެ %50 ވެސް ނުނިމި އޮއްވާ، މުޅި ޓާމިނަލްގެ މަންޒަރު ރައީސް ބަދަލުކޮށްލެއްވީ ދޮޅު އަހަރުން ކަމަށެވެ.
ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް މުއިއްޒު ފުރަތަމަ ވެސް ވަޑައިގެންނެވީ އެއާޕޯޓަށް ކަމަށާއި އެއާޕޯޓުގެ މަސައްކަތްތަކަށް އެމަނިކުފާނު އިރުޝާދު ދެއްވީ ބައްޕައަކު ދަރިއަކަށް ދޭ މިންވަރަށް ކަމަށް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވަނީ، މި ޓާމިނަލަކީ ދިވެހިންގެ ފަޚުރުކަމުގައި ސިފަކުރައްވައި، އަންނަން ހުރި ޖީލުތަކަށް މި ތަން ދެމެހެއްޓުމަށް އެދިވަޑައިގެންފަ އެވެ.
ގާތްގަނޑަކަށް 7 ބިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތް ކުރި އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެކުންފުނިން ލަފާކުރެ އެވެ. އެކަން ހާސިލުކުރަނީ، ޕީކް ވަގުތުގައި އިތުރު އެއާލައިންތަކަށް ފުރުސަތު ދެވި، ޑިއުޓީ ފްރީ ފުޅާކޮށްގެންނެވެ.