ads
ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފް، އަހްމަދު ސަލީމަށް އެރުވުމުގެ ތެރެއިން
ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފް، ނަން ރީތި ސަލީމަށް
ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފް، އަހްމަދު ސަލީމަށް އަރުވައިފިއެވެ.
Advertisement

މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައއި މި ޝަރަފު ސަލީމަށް އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. 

އަހްމަދު ސަލީމް، ދައުލަތަށް ހިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު ބައި ޤަރުނަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރު، އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައިވަނީ، ރާއްޖޭގެ ހާރިޖީ ދާއިރާގައެވެ. އެ މަނިކުފާނު ދައުލަތުގެ ހިދުމަތާ ގުޅިވަޑައިގަތީވެސް އެ ދާއިރާއިން 7 ޖުލައި 1968 ގައެވެ. މިގޮތުން ހާރިޖީ ދާއިރާގައި އަހްމަދު ސަލީމް ވަނީ އެކިފަހަރުމަތިން 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައެވެ. 

ސަލީމް އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި، ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމުގެ މަގާމާއި، ދިވެހިރާއްޖެއިން ނޭޕާލަށް ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުކަމުގެ މަގާމާއި، ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް) އަށް ދިވެހި ސަރުކާރުން އެންމެ ފުރަތަމަ ކަނޑައެޅުއްވި ޑިރެކްޓަރުކަމުގެ މަގާމާއި، ސާކް ސެކްރެޓެރީ ޖެނެރަލް ކަމުގެ މަގާމުވެސް އަހްމަދު ސަލީމް ވަނީ ފުރުއްވައިފައެވެ. ޖުމުލަ 5 އަހަރާއި 6 މަސް ދުވަހު ސާކުގައި ސަލީމް ވަނީ ހިދުމަތް ކުރައްވައިފައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިންޓާނޭޝަނަލް އޯގަނައިޒޭޝަންތަކާބެހޭ ބައިގެ ހެޑް އޮފް ޑިޕާޓްމަންޓުގެ ގޮތުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވައި، އަދި މިނިސްޓްރީގެ އެހެނިހެން ޑިޕާޓްމަންޓުތަކުގެ ހެޑްކަންވެސް އަހްމަދު ސަލީމް އަދާކުރައްވާފައިވެއެވެ. އަހްމަދު ސަލީމް ރާއްޖޭގެ ހާރިޖީ ދާއިރާގައި މަސައްކަތްޕުޅު ކުރެއްވި ދިގު މުއްދަތުގައި ރާއްޖެއިން ބޭރުގައި ބާއްވައިފައިވާ ބައިނަލްއަގުވާމީ އެތައް ބައްދަލުވުންތަކެއްގައި ވަނީ ރާއްޖެ ތަމްސީލު ކުރައްވައިފައެވެ. އަދި ރާއްޖޭގެ ތަރައްގީއަށް ބޭރު ގައުމުތަކުން އެހީ ހޯއްދަވައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއްވެސް ވަނީ ކޮށްދެއްވައިފައެވެ. މީގެއިތުރުން އަހްމަދު ސަލީމް ވަނީ އެ މިނިސްޓްރީގެ "ފޮރިން ސަރވިސް އިންސްޓިޓިއުޓް" ވެސް ހިންގަވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން 2003ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދެވިއިރު، އެ ކޮމިޝަނަށް އްއްޔަން ކުރެއްވި މެމްބަރުންގެ ތެރޭގައި އަހްމަދު ސަލީމް ހިމެނިވަޑައިގެންނެވިއެވެ. އަދި މިހާރު އަމަލުކުރަމުންގެންދާ 2008ވަނަ އަހަރު ތަސްދީގު ކުރި ޤާނޫނު އަސާސީގެ ދަށުން އެކުލަވައިލެވުނު ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސަކީވެސް އަހްމަދު ސަލީމެވެ.

އަޙްމަދު ސަލީމް ފުރުއްވައިފައިވާ އެހެން ބައެއް އިސް މަގާމުތަކުގެ ތެރޭގައި، ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އެންޑް ސްޕޯޓްސްގެ ޑިރެކްޓަރު އޮފް ސްޕޯޓްސް ކަމުގެ މަގާމު ހިމެނެއެވެ.

މީގެއިތުރުން މިނިސްޓްރީ އޮފް ޔޫތު، ވިމެންސް އެފެއާޒް އެންޑް ސްޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ވިމެންސް އެފެއާޒް އެންޑް ސޯޝަލް ސެކިއުރިޓީގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމުވެސް އަހްމަދު ސަލީމް ފުރުއްވައިފައިވެއެވެ.

އަހްމަދު ސަލީމް، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 54 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް