
"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައު އާއި، ކައުންސިލްތަކާއި މީޑިއާ އާއި، ސިޔާސީ ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، އިސްލާހީ ހަރަކާތަކަށް މަގު ކޮށުމެވެ.
އެދޭ ރާއްޖެ ޓީމުން ގަބޫލް ކުރާ ގޮތުގައި ވެރިކަން ހިންގުމުގެ އޮނިގަނޑުގެ އެންމެ މަތީގައި އަބަދު ވެސް ތިބެންޖެހޭ ބަޔަކީ "ރައްޔިތުން" ނެވެ. އެހެން ކަމުން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް އެދޭ ރާއްޖެ ކަރުދާހުގެ އޮތް އެންމެ ފުރަތަމަ ހުޅަހެޅުމަކީ "ރައްޔިތުންގެ ބާރު" އެވެ.
އެދޭ ރާއްޖެ ކަރުދާހުގައި ބުނާ ގޮތުން އަދުލު އިންސާފު ގާއިމުވެފަ އޮތުމަކީ ގައުމެއްގެ އިޖުތިމާއި، އިގްތިސާދީ އަދި ސިޔާސީ އަމަން އަމާންކަމާއި ސީދާ ގުޅިފައިވާ ކަމެކެވެ. ނަމަވެސް ފެހި ގާނޫނު އަސާސީން ތަސައްވުރު ކުރީ މިނިވަން ފަނޑިޔާރުގެ ނުލިބި ސަރުކާރުތަކުން މަޖިލީހާއި، މުއައްސަސާތަކާއި، އަދި ވަކިން ހާއްސަކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭ.އެސް.ސީ) މެދުވެރިކޮށް ފަނޑިޔާރުގެއަށް ސިޔާސީ ނުފޫޒު ވައްދާކަމުގެ ޝަކުވާ ރައްޔިތުން އަންނަނީ ކުރަމުން ނެވެ.
އަދި ހަމަ އެހެންމެ، ހިނގަމުން މިދާ ސަރުކާރާ، ނިމިގެން ދިޔަ ސަރުކާރުތަކުގެ ވައުދުތަކުގެ ތެރޭގައި އަދުލު އިންސާފު ގާއިމު ކުރުމުގެ މަގްސަދުގައި ފަނޑިޔާރުގެ މިނިވަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން ސިޔާސީ ނުފޫޒުން ސަލާމަތް ކުރަން އެކި ފޯމިއުލާ ހުށަހެޅި ނަމަވެސް، އެވައުދުތައް ފުއްދައި ޖޭ.އެސް.ސީ މިނިވަން ކުރުމަށް އެއްވެސް މަސައްކަތެއް ކުރި ތަނެއް ނުވަތަ ކުރާ ތަނެއް ނުފެންން ކަމަށް އެދޭ ރާއްޖެ ޓީމުން ގަބޫލު ކުރެއެވެ. މިހެން ވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ސިޔާސީންގެ "ހީލަތްތެރި" ދަލުގައި ޖުޑީޝަރީ ޖެއްސުމެވެ. އަދި ސިޔާސީން އެދޭ ގޮތައް ޖުޑީޝަރީ އަނބުރާލުމަށް ގެންގުޅޭ "ސިއްރު" އެޖެންޑާގެ ސަބަބުން މިއަދު ރާއްޖޭގެ ފަނޑިޔާރުގެ އަށް ދިވެހިން ކުރާ އިތުބާރު ވަނީ ގެއްލި ގޮސްފަ އެވެ.
މިކަމުގެ ހައްލަކަށް އަދުލުވެރި މިނިވަން ފަނޑިޔާރުގެއެއް ގާއިމް ކޮށް ފަނޑިޔާރުގެ އަލުން "ތަރުތީބުކުރަން" އެދޭ ރާއްޖެ ޓީމުން ހުށައަޅާ ހައްލު ތަކަކީ
1. ފަނޑިޔާރުންނަށް މަގާމުތަކަށް އާދެވޭނެ ގޮތްތަކާއި މަގާމުގެ ކުރިއެރުން ވެސް ލިބޭނެ ގޮތްތައް ދުރާލައި އެނގޭނެ ގޮތްތަކެއް ކަނޑައަޅައި، ޖުޑީޝަލް ސާވިސް ކޮމިޝަނުން ސިޔާސީ ނުފޫޒު ބޭރު ކުރުމަށް ކޮމިޝަން އެކުލަވާލާފައިވާ ގޮތް ބަދަލުކުރުން. މިގޮތުން ރައީސުލްޖުމްހޫރިއްޔާ އަށާއި، މަޖިލީހަށް ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމުގެ ދޮރުތައް ބަންދު ކުރުން.
2. ކޯޓުން ބެލި މައްސަލައަކުން، މީހަކު ނުވަތަ ބަޔަކު ގާނޫނު އަސާސީ އާ ހިލާފުވިކަމަށް ފަނޑިޔާރުންނަށް ފާހަގަ ވެއްޖެ ނަމަ، މައްސަލައިގެ ބާވަތުން ބަންޑާރަ ނާއިބު ނުވަތަ ޕްރޮސެކިއުޓަރ ޖެނެރަލް އެކަމާ ގުޅޭގޮތުން ގާނޫނީ ފިޔަވަޅު އެޅުން.
3. ކޮމިޝަނަރ އޮފް ޕޮލިސް އަކީ އިންތިހާބު ކުރާ މަގާމަކަށް ހެދުން.
މިކަންކަން މި މަގުން ތަރުތީބު ވެއްޖެ ނަމަ އެދޭ ރާއްޖެ ޓީމުން ގަބޫލުކުރާ ނަތީޖާ އަކީ ފަނޑިޔާރުގެ ނުފޫޒުން މިނިވަން ކުރެވިއްޖެނަމަ ގައުމުގައި ސިޔާސީ، އިޖުތިމާއި އަދި އިގްތިސާދީ އަދުލު ގާއިމް ކުރެވި، ސަރުކާރު ހިންގަން ތިބޭ ފަރާތްތަކަށް ގާނޫނު އަސާސީގެ ނިޒާމު ކިލަނބު ކުރުމުގެ ދޮރުތައް ބަންދުވެގެންދިއުމެވެ. މިކަމުގެ ސަބަބުން އިޖްތިމާއީ އަދުލު ގާއިމް ކުރުމަށް މަގު ފަހި ވެގެން ދާނެ ކަމަށް އެދޭ ރާއްޖެ ޓީމުން ގަބޫލުކުރެ އެވެ.
އެހެން ކަމުން ރައްޔިތުންގެ "އިތުބާރު" މިހާރު ގެއްލިފައިވާ ފަނޑިޔާރުގެތަކަށް އަދި ފަނޑިޔާރުންނަށް ސިޔާސީ ނުފޫޒުގެ ދޮރާށިން ނިކުމެ މިނިވަން ކަމާއިއެކު މަސައްކަތް ކުރުމުގެ ފުރުސަތު އަލުން އަނބުރާ ހޯދުމަށް ގާނޫނޫ އަސާސީއަށް މި އިސްލާހު މިހިނދުން މިހިނދަށް ގެނައުމަށް އެދޭ ރާއްޖެ ޓީމުން ވަނީ ގޮވާލާފަ އެވެ.
މި ކަންކަމަކީ އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކުން ހައްލު ހޯދޭނެ ކަންކަމަށްވާތީވެ މިހަރަކާތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންގެ ހިޔާލާއި މަޝްވަރާއަށް އެދޭ ރާއްޖެ ޓީމުން ގޮވާލަ އެވެ.
- އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]