
ދައުލަތަށް ގިނަ ދުވަސްތަކެއްވަންދެން އަގުހުރި އެތައް ހިދުމަތެއް ކޮށްދެއްވި ސާބިރު އަވަހާރަވީ، ޓްރީ ޓޮޕް ހޮސްޕިޓަލުގައި މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ހަސަން ސޯބިރަށް ދިވެހި ސަރުކާރުން އެރުވީ އިއްޔެއެވެ.
ސޯބިރު ފާހަގަވެގެންދަނީ، ދިވެހި ގައުމުގެ އިގްތިސޯދާބެހޭ ބެހޭ ހުރިހާ ދާއިރާއެއްގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެ ދާއިރާތަކުގެ ތެރޭގައި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ހިމެނެއެވެ. އަދި، ރާއްޖޭގެ ތަރައްގީގެ މަޝްރޫތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި، ހާރިޖީ ދާއިރާގައި އެ މަނިކުފާނު ވަނީ އަގުހުރި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ސޯބިރު، ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެށްޓެވީ، 7 ފެބުރުވަރީ 1973 ގައެވެ. އެމަނިކުފާނުގެ މަސައްކަތްޕުޅުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، ނޭޝަނަލް ޕްލޭނިންގ އޭޖެންސީގައި ކުރެއްވި މަސައްކަތެވެ. ނޭޝަނަލް ޕްލޭނިންގ އޭޖެންސީ އުވައިލައްވައި، 10 ނޮވެންބަރު 1982 ގައި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް އުފެއްދެވުމާ ގުޅިގެން، އެ މިނިސްޓްރީގެ ތަފާތު މަގާމުތައް ސޯބިރު ފުރުއްވި އެވެ.
1993 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހު، ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް، ރިޔާސީ 4ވަނަ ދައުރަކަށް ހުވާކުރެއްވުމަށްފަހު އެކުލަވައިލެއްވި ކެބިނެޓުގައި، މިނިސްޓާ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ މަގާމަށް އައްޔަން ކުރެއްވީ، ސޯބިރެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި އެ މަނިކުފާނު ކޮށްދެއްވި މަސައްކަތްޕުޅުތައް ފާހަގަކޮށްލަން ޖެހެ އެވެ. ރައީސް މައުމޫންގެ ރިޔާސީ 5 ވަނަ ދައުރުގެ ކެބިނެޓުގައިވެސް ސޯބިރު ހިމަނުއްވައި، ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވި އެވެ.
ސޯބިރުގެ ހިދުމަތް، އޭގެފަހުން ފެނިގެންދިޔައީ، ރާއްޖޭގެ ހާރިޖީ ދާއިރާއިންނެވެ. އެގޮތުން އެ މަނިކުފާނު އަދާކުރެއްވި ބައެއް މަޤާމުތަކުގެ ތެރޭގައި، އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމާއި، ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމުގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމު ހިމެނެ އެވެ.
އަވަހާރަވީއިރު، ސޯބިރަކީ ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރެވެ.
ސޯބިރު ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވިއެވެ.