
މިއަދު ހެނދުނު ވަޅިން ހަމަލާ ދިނުމުގެ ސަބަބުން މަރުވެފައިވަނީ ލ. މާވަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމް އެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މޫސާ އިބްރާހިމަށް ހަމަލާ ދީނީ އޭނާ ރަށު ވޮލީ ކޯޓް ކައިރީ ހުއްޓާ ކަމަށެވެ. އަދި އޭނާއަށް ހަމަލާދީފައި ވަނީ ފަހަތުން އައިސް ނޭނގި ހުއްޓާ ކަރަށް ކަމަށް ވެސް ރަށުން ވާހަކަ ދެއްކި މީހުން ބުނެ އެވެ.
މޫސާ އިބްރާހިމަށް ވަޅިން ހަމާލާދިން މީހަކީ އެރަށު މީހެއް ނޫން ކަމަށާއި އެއީ އެރަށަށް އައިސް އުޅޭ ދިވެއްސެއްކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުނުން ބުނެ އެވެ. އަދި އެމީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ވެސް އެރަށު މީހުން ބުނެ އެވެ.
ނަމަވެސް އެއީ ކޮން ރަށެއްގެ މީހެއް ކަމެއް އަދި ސާފެއް ނުވެ އެވެ. އެނގިފައިވާ ގޮތުން މޫސާ އިބްރާހިމްއަށް ވަޅިން ހަމަލާ ދިން މީހަކީ މަސްތުވާތަކެތީ ރެކޯޑު އޮންނަ މީހެކެވެ.
މި މާރާމާރީއާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެހެން ނަމަވެސް ރަށުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް އެ ރަށު މީހުން ބުނެއެވެ.