
އެ އެއްބަސްވުންތައް ބަދަލުކުރީ ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި އެމްއޯޔޫ އެކުލަވާލާފައިވަނީ ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓްއާއި ސްރީލަންކާގެ ބަންޑާރަނަޔަކެ އިންޓަރނޭޝަނަލް ޑިޕްލޮމެޓިކް ޓްރޭނިން އިންސްޓިޓިއުޓް އާ ދެމެދުގައެވެ. މި އެމްއޯޔޫގައި ރާއްޖެއިން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ.އަބްދުﷲ ހަލީލް އެވެ. ސްރީލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު އެވެ.
އެ އެމްއޯޔޫގެ ދަށުން ދެ ގައުމުގެ ދެމެދު ތަފާތު ތަމްރީން ޕްރޮގްރާމްތައް ބަދަލުކުރުމަށް ފުރުސަތު ލިބި، އެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ދެ ގައުމުގެ ދެމެދުގައި ހިއްސާ ކުރުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޑިސަނާޔަކަ މިއަދު ރާއްޖެ ވަޑައިގަތުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރަތްދޫލައިގެ މަރުހަބާއެއް ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެއަށްފަހު މިއަދު މެންދުރު ޑިސާނަކަޔަ މާލެ ވަޑައިގަތުމުން ޖުމްހޫރީ މައިދާނުގައި 21 ބަޑީގެ ސަލާމަކާއެކު ގާޑް އޮފް އޮނާއެއް ވަނީ އަރުވައިފަ އެވެ.
ރާއްޖެ އާއި ސްރީ ލަންކާގެ ހާރިޖީ ގުޅުމަށް މިއަހަރު 60 އަހަރު ވަނީ ފުރިފަ އެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރީ ރާއްޖޭގެ މިނިވަން ދުވަހު، 26 ޖުލައި 1965 ގައެވެ.