ads
ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ހަސަން ސޯބިރު.
ސޯބިރު، ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ހަސަން ސޯބިރު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި އެވެ.
Advertisement

އެމަނިކުފާނުގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު އަސްރު ނަމާދަށްފަހު އެވެ. އެކި ދާއިރާތަކުން ރާއްޖެއަށް ހިދުމަތްކުރެއްވި އަދި ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގައި ހުންނެވި ސޯބިރު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު ހެނދުނެވެ.  

އަވަހާރަވިއިރު، އުމުރުފުޅަކީ 73 އަހަރެވެ. ސޯބިރު އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ބޭފުޅުން ތިއްބެވި އެވެ. އެއީ ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅެކެވެ.

ހަސަން ސޯބިރުގެ ކަށުނަމާދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނ.އ.އ.ވ.)، ހަސަން ސޯބިރަށް ދިވެހި ސަރުކާރުން އެރުވީ އިއްޔެ އެވެ. އޭނާ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވެއްޖެ އެވެ. އިއްޔެ ހެނދުނު މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ޝަރަފު އެރުވުނު ވަގުތު ވެސް ޖަލްސާއަށް ވަޑައިނުގަންނަވަ އެވެ.  

ސޯބިރު ފާހަގަވެގެންދަނީ، ދިވެހި ގައުމުގެ އިގްތިސޯދާބެހޭ ބެހޭ ހުރިހާ ދާއިރާއެއްގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެ ދާއިރާތަކުގެ ތެރޭގައި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ހިމެނެއެވެ. އަދި، ރާއްޖޭގެ ތަރައްގީގެ މަޝްރޫތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި، ހާރިޖީ ދާއިރާގައި އެ މަނިކުފާނު ވަނީ އަގުހުރި ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. 

ސޯބިރު، ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެށްޓެވީ، 7 ފެބުރުވަރީ 1973 ގައެވެ. އެމަނިކުފާނުގެ މަސައްކަތްޕުޅުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، ނޭޝަނަލް ޕްލޭނިންގ އޭޖެންސީގައި ކުރެއްވި މަސައްކަތެވެ. ނޭޝަނަލް ޕްލޭނިންގ އޭޖެންސީ އުވައިލައްވައި، 10 ނޮވެންބަރު 1982 ގައި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް އުފެއްދެވުމާ ގުޅިގެން، އެ މިނިސްޓްރީގެ ތަފާތު މަގާމުތައް ސޯބިރު ފުރުއްވި އެވެ.

1993 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހު، ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް، ރިޔާސީ 4ވަނަ ދައުރަކަށް ހުވާކުރެއްވުމަށްފަހު އެކުލަވައިލެއްވި ކެބިނެޓުގައި، މިނިސްޓާ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ މަގާމަށް އައްޔަން ކުރެއްވީ، ސޯބިރެވެ. 

ދިވެހިރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި އެ މަނިކުފާނު ކޮށްދެއްވި މަސައްކަތްޕުޅުތައް ފާހަގަކޮށްލަން ޖެހެ އެވެ. ރައީސް މައުމޫންގެ ރިޔާސީ 5 ވަނަ ދައުރުގެ ކެބިނެޓުގައިވެސް ސޯބިރު ހިމަނުއްވައި، ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވި އެވެ.

ސޯބިރުގެ ހިދުމަތް، އޭގެފަހުން ފެނިގެންދިޔައީ، ރާއްޖޭގެ ހާރިޖީ ދާއިރާއިންނެވެ. އެގޮތުން އެ މަނިކުފާނު އަދާކުރެއްވި ބައެއް މަޤާމުތަކުގެ ތެރޭގައި، އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމާއި، ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމުގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމު ހިމެނެ އެވެ. 

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން މިހާތަނަށް 38 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް އެކި ގޮތް ގޮތުން ގިނަ ހިދުމަތްތަކެއް ސޯބިރު ކޮށްދެއްވާފައިވެ އެވެ. އަވަހާރަވީއިރު، ސޯބިރަކީ ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރެވެ. 



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް