
ފުލުހުންގެ މީޑިއާ އޮފިޝަލުން ބުނީ ހަށިގަނޑު މާލެ ގެނެސްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މާވަށުގައި އިއްޔެ ހެނދުނު ހިނގި މާރާމާރީއެއްގައި ވަޅިން ހަމަލާދީ މަރާލާފައިވަނީ އުމުރުން 29 އަހަރުގެ މޫސާ އިބުރާހިމެވެ. މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބަކީ ކޮބައިކަން މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މި މައްސަލައާ ގުޅިގެން ހދ. ނޮޅިވަރަންފަރު، އަސްކަރީ މަންޒިލް މުހައްމަދު އިބުރާހިމް (29) ހައްޔަރުކޮށްފައިވާކަން ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ މޫސާ މަރަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި އިއްޔެ ފީނައިގެން ހޯދާފައެވެ. ލިބިފައިވާ މަޢުލޫމާތުގައިވާ ގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ. އަދި މަރުވި މޫސާގެވެސް ކުށުގެ ރެކޯޑު އޮތްކަމަށް ރިޕޯޓުތައް ބުނެއެވެ.