
މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް މި ބޮޑު އަދަދު ހަރަދުކޮށްފައިވަނީ 268 ދަރިވަރުންނަށެވެ.
ދަރިވަރުންގެ ތެރެއިން ގިނައީ އަންހެން ދަރިވަރުންކަމަށްވާއިރު، މިނިސްޓްރީން ބުނީ ސްކޮލަރޝިޕް ސްކީމުގެ ދަށުން ހިމެނޭ 268 ދަރިވަރުންގެ ތެރޭގައި 176 އަންހެން ކުދިންނާއި 80 ފިރިހެން ކުދިން ހިމެނޭކަމަށެވެ. އަދި މިހާތަނަށް 357 ދަރިވަރުން މި ސްކީމްތަކުގެ ދަށުން މަތީ ތައުލީމު ހާސިލުކޮށް ނިންމާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
މިއަހަރުގެ މިހާތަނަށް 95.3 މިލިޔަން ރުފިޔާ ސްކޮލާޝިޕްތަކަށް ހަރަދުކޮށްފައިވާއިރު، އެއީ 45 ދަރިވަރުންނަށް ދޫކޮށްފައިވާ ފައިސާކަން ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. ރާއްޖެ ހިމެނޭހެން ޖުމުލަ 20 ގައުމެއްގައި މިވަގުތު 607 ދަރިވަރުން ސްކޮލަރޝިޕް ހާސިލުކުރަމުންދާކަމަށް މިނިސްޓްރީން ބުންޏެވެ. ސަރުކާރުން ދޭ ހައި އެޗީވާރސް ސްކޮލާޝިޕްގެ އިތުރުން ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕްތަކާއި އެކި ގައުމުތަކުން ދޭ ސްކޮލަރޝިޕްތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ.