
ދިރާގުގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ކަން އިއުލާން ކޮށްފައިވެއެވެ. މި ރޭހުގައި ހާފް މެރެތަން، 10 ކިލޯމީޓަރު، 5 ކިލޯމީޓަރު، 5 ކިލޯމީޓަރު ކޯޕަރޭޓް ޓީމް އަދި ހާފް މެރެތަން ކެޓެގަރީތަކުގައި ބައިވެރިވުމުގެ ފުރުސަތު ޖުމްލަ 4,000 މީހުންނަށް ލިބިގެންދާނެއެވެ. ބައިވެރިންނަށް އޮންލައިންކޮށް ރަޖިސްޓަރީ ކުރެވޭނެ ގޮތް ހަމަޖެހިފައިވެއެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓް ކަމަށްވާ ޑީއެމްއާރްއާރްގެ 16 ވަނަ އެޑިޝަން އޮންނާނީ އަންނަ 24 އޮކްޓޫބަރުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ރޭހުގެ ވަނަތަކަށް ހޮވޭ ދުވުންތެރިންނަށް ޖުމްލަ 280,000 ރުފިޔާ ދިނުމަށް ދިރާގުން ނިންމާފައިވެއެވެ.
ޑީއެމްއާރްއާރަކީ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ. އެގޮތުން، މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފައިސާ ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. ދިރާގުން މި އަހަރުގެ އިވެންޓުގައި އެންޑޯޒްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ 5 ޖަމިއްޔާއަށް ޖުމްލަ 200,000 ރުފިޔާގެ ފައިސާގެ އެހީތެރިކަން ދިރާގުން ދޭނެއެވެ. ހަމައެއާއެކު، ކޮންމެ ބައިވެރިއެއްގެ ރަޖިސްޓަރީން 100 ރުފިޔާ އަދި ސްޕެޝަލް ބިބް ނަންބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ހަމަހަމަކޮށް އެންޑޯޒްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރާނެއެވެ.