
މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްއިން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މެރިން ސައިންސް ސިމްޕޯޒިއަމް ސީރީޒްގެ 6 ވަނަ ބުރު (އެމްއެމްއެސް 2026) ބާއްވާނީ 2026 ވަނަ އަހަރުގެ އޯގަސްޓު 4 އާއި 5 ވަނަ ދުވަހުއެވެ.
މި ސިމްޕޯޒިއަމްއަކީ ރާއްޖޭގައި މެރިން ސައިންސް ދާއިރާއިން ކުރާ ދިރާސާތަކުގެ މަސައްކަތްތައް އެއްތަނަކުން ހިއްސާކުރެވޭ މައިގަނޑު ޕްލެޓްފޯމެވެ. ފިޝަރީޒް މިނިސްޓަރުގެ ބަހުން، މި ސިމްޕޯޒިއަމްގެ ސަބަބުން ރާއްޖޭގެ ކަނޑުފަޅުގެ މާހައުލު ދެނެގަތުމަށާއި ބެލެހެއްޓުމަށް މުހިންމު މައުލޫމާތު އިތުރުވެގެންދާނެއެވެ. މީގެ އިތުރުން، ދިރާސާކުރާ ފަރާތްތަކާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އަދި އަމަލީ މައިދާނުގައި މަސައްކަތްކުރާ ފަރާތްތައް އެއްތަނެއްގައި ބައްދަލުވެ، ހިޔާލު ބަދަލުކޮށް، މުހިންމު މައުލޫމާތުތަކެއް ލިބި، މުހިންމު ކޮލާބޮރޭޝަންތަކަށް ފުރުސަތުތައް ހުޅުވިގެންދާނެކަންވެސް ވަނީ ފާހަގަކޮށްފައެވެ.
މި ސިމްޕޯޒިއަމްގައި ރާއްޖޭގެ ކަނޑުގެ ސައިންސްގެ ދާއިރާތަކުން ފުޅާދާއިރާއެއްގައި ކުރެވޭ ސައިންޓިފިކް ދިރާސާތަކުގެ ނަތީޖާތަކަށް ބިނާކޮށް އޯރަލް އަދި ޕޯސްޓަރ ޕްރެޒެންޓޭޝަންތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. އެބްސްޓްރެކްޓް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ 2025 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ކުރީކޮޅުގައެވެ. މި ސިމްޕޯޒިއަމްގައި ބައިވެރިވުމަށާއި އެބްސްޓްރެކްޓް އަދި ޕްރެޒެންޓޭޝަން ހުށަހެޅުމަށް އެއްވެސް ފީއެއް ނުނެގޭނެކަން ވަނީ އިއުލާންކޮށްފައެވެ.