
މި ބައްދަލުވުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި މައިގަނޑު ދެ ކަމަކީ ދިފާއީ ދާއިރާއިން ދެ ގައުމުގެ އެއްބާރުލުން އިތުރުކުރުމާއި، މި ސަރަހައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކެވެ. ކަނޑުގެ ސަރަހައްދުގައި ހިންގޭ އެކިއެކި ގާނޫނާ ހިލާފު ހަރަކާތްތައް ހުއްޓުވުމާއި، ކަނޑުގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ކަނޑުގެ ތިމާވެށި ރައްކާތެރިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
ދެ ފަރާތުން އެއްބަސްވެވަޑައިގަތީ ދިފާއީ ދާއިރާއިން ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށެވެ. މީގެ ތެރޭގައި ދިފާއީ ބާރުތަކުގެ މެދުގައި ތަޖުރިބާ ހިއްސާކުރުމާއި، އެކުގައި ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި، ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.