
އާޒިމް މިހެން ވިދާޅުވީ މާލޭ ސިޓީ ކައުންސިލް އޮފީހުގައި ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެެވެ.
އާޒިމް ވިދާޅުވީ ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި މާލޭގެ ބިމުގެ ދަފުތަރެއް އެކުލަވާލެވިފައި ނެތް ކަމަށެވެ. ނަމަވެސް އެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކައުންސިލުން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގެ މުއްދަތު ހަމަވުމުން މީގެކުރިން އަމަލުކުރަމުން އައި ގޮތް މިހާރު ބަދަލުކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އޭރު އަމަލުކުރި ގޮތަކީ، ކޮންޓްރެކްޓު ހަމަވުމުން ނުވަތަ ހަމަވާން ކައިރިވުމުން ދެ ފަރާތުން ވާހަކަދައްކައިގެން މުއްދަތު އިތުރުކުރަނީ ކަން މޭޔަރު ފާހަގަކުރެއްވި އެވެ. ނަމަވެސް، ކޮންމެ ކޮންޓްރެކްޓެއް ހަމަވުމުން އިއުލާނުކޮށްގެން ލިބޭ އެންމެ ފައިދާހުރި ޕްރޮޕޯސަލާ އެއްކޮށް ކުރިއަށް ދިޔުމަށް މިހާރު އެކައުންސިލުން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އެއީ، އެކައުންސިލާއި ރައްޔިތުންނަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށް މޭޔަރު ގަބޫލުކުރައްވަ އެވެ.
އާޒިމް އިތުރަށް ވިދާޅުވީ ކުއްޔަށް ދޫކޮށްފައިވާ ބައެއް ތަންތަނުގެ ކުލި ނުދައްކާތާ 10 އަހަރު ވެފައިވާ ކަމަށެވެ. ބައެއް ތަންތަނުގެ ކަރަންޓާއި ފެން ބިލްތަކަށް ނުދައްކާ ހުރި އަދަދު 2.5 މިލިއަނަށް އަރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކައުންސިލްގެ މިލްކުވެރިކަމުގައި ހުރި ބިންތަކުގެ ތަފުސީލުތައް ހިއްސާކުރުމަށް، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު މޭޔަރުގެ އަރިހުން މީގެކުރިން ވަނީ އެދިވަޑައިގެންފައެވެ.