
އެމްއެންޑީއެފުން ބުނީ، 40 މީހުންނާއެކު މާލެއިން ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރި ބޯޓެއް، ކާށިދޫގެ އިރުން އިންޖީނު ހުއްޓުމާ ގުޅިގެން، އެ ބޯޓުގައި ތިބި އަންހެނުންނާއި ކުޑަކުދިން ނައިފަރަށް ގެންދިއުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުންކަމަށެވެ.
އިންޖީނު މައްސަލައަކާއި ގުޅިގެން ކާށިދޫ ކައިރިއަށް ހުއްޓުނީ "ލައިފްލައިން" ނަމަކަށް ކިޔާ ބޯޓެކެވެ. މި ބޯޓުގައި ތިބި މީހުން ނައިފަރަށް ގެންގޮސްދިނުމުގައި ކޯސްޓްގާޑުގެ 2 ހާބާކްރާފްޓް ލޯންޗާއި ކޯސްޓްގާޑުގެ ގަލްފްކްރަފްޓް ލޯންޗެއް ހަރަކާތްތެރިވަމުން އަންނަކަމަށް ސިފައިންގެ ބާރުން ބުންޏެވެ. މި ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 08:15 ހާއިރުކަމަށްވެސް ސިފައިން ބުންޏެވެ.
މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ދެ ދުވަހު ވެސް ވިއްސާރަކޮށް، މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.