
އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފް ސޮއިކުރައްވައި، ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނަށް ފޮނުވި ސިޓީގައި ބުނީ ޑްރޯން ޝޯގެ އެންމެ ފަހު ފޯމޭޝަންގެ ކުރިން ދިމާވި ކުއްލި މައްސަލައެއްގައި ގިނަ އަދަދެއްގެ ޑްރޯންގެ ސިގްނަލް ގެއްލި، ކޮންޓްރޯލުން ނެއްޓުމުގެ ސަބަބުން ބައެއް ޑްރޯންތައް ބިން މައްޗަށާއި މޫދަށް ވެއްޓި، ބައެއް ޑްރޯންތައް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. އެ ހާދިސާގައި ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތަށާއި އެމްއޭސީއެލަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތުން މިހާތަނަށް ބެލިބެލުމުން މި މައްސަލައަކީ ތިންވަނަ ފަރާތަކުން ޑްރޯންތަކުގެ ފްރެކުއެންސީއަށް ނުވަތަ އެ ނޫން ގޮތަކުން ވިޔަސް އިންޓަފިޔާކުރުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ސިޓީގައި ބުންޏެވެ.
އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރިއަށް ގެންދިޔަ ޑްރޯން ޝޯ
ސޯޝަލް މީޑިއާގައި ބަޔަކު ލީކުކޮށްލައިފަވާ އެ ސިޓީގައި ބުނީ ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތަށް ލިބުނު ގެއްލުމުގެ މިންވަރު ބަލަމުން އަންނަ ކަމަށާއި އެމްއޭސީއެލުން ޒިންމާވާން ޖެހޭ ކަމެއް ފާހަގަވެއްޖެ ނަމަ އެ ކުންފުންޏަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބިދާނެތީ، މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގައިދިނުމަށް ފުލުހުންގެ ފަރާތުން އެދޭ ކަމަށެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގެ ޑްރޯން ޝޯއެއްގެ އިތުރުން މާލެ ސަރަހައްދުގެ 19 ތަނެއްގައި ވަނީ އެއް ވަގުތެއްގައި ހަވާއަރުވައިފަ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޓާމިނަލް ހުޅުވުމަށް އެ ރޭ ބޭއްވި ރަސްމިއްޔާތުގައި އެރުވި ތާރީހީ ހަވާ ދުނިޔޭގެ ގިނިސް ވޯލްޑް ރެކޯޑު ފޮތުން ވެސް ޖާގަ ހޯދިއެވެ.
ނަމަވެސް ޑްރޯން ޝޯގައި ބޭނުންކުރި ޑްރޯންތައް ރަންވޭއަށް ވެސް ވެއްޓުނެވެ. އޭގެ ސަބަބުން ރަންވޭ ސާފުކުރުމަށް ގިނަ އިރުތަކެއް ވަންދެން ރަންވޭ ބަންދުކުރަން ޖެހި ބައެއް ފްލައިޓުތައް ޖެއްސުން ލަސްވި އެވެ.