ads
ނޭނގި ހިތް ގެއްލުނީ - 12 ވަނަ ބައި
އެޕިސޯޑް 12
Advertisement

މޭގައި އޮތް ހިތް، ނެގިނެގިފައި ބާރަށް ތެޅެމުންދިޔަ އެވެ. ހިތު ވިންދުގެ އަޑު ޝައްޔާންއަށް އިވޭނެކަން އަމމާރާއަށް ޔަގީނެވެ.

ނަމަވެސް ނިންމުން ބަދަލުކުރުމުގެ ކުޑަވެސް ވިސްނުމެއް އަމާރާގެ ނެތެވެ. ހިތުގެ ވިންދަށްވުރެން ގާތްވަމުން އައި 'ސްޕާރސްޓަރ'ގެ ގޮންޖެހުމުން ބަލިވެއްޖެކަން ގަބޫލުކުރާކަށް އަމާރާ ބޭނުމެއް ނޫނެވެ. އެފަދަ ދައުވަތެއްގެ އިޝާރާތެއް ޝައްޔޔާންއަށް ދޭކަށްވެސް އަމާރާ ބޭނުމެއް ނޫނެވެ. ހަދަންވީ ގޮތެއް ސިކުނޑިއާއި މަޝްވަރާކުރުމަށް އަމާރާ ދެ ލޯ މަރައި ތަގުޅިކޮށްލި އެވެ.  

"ފަހަތަށް ޖެހޭ! އެހެންނޫނީ އަހަރެންގެ މި 'ހިމަކަށިން' ތި ފަޔަށް އަރާފައި، ޝައްޔާންގެ އަގުބޮޑު ބޫޓު ފޫއަޅުވާލާނަން!" އަމާރާ ދައްކާލީ އޭނާ އަރައިގެން ހުރި ބޫޓެވެ. ވައި އަޑުން ބުނެލިނަމަވެސް އެއީ އިންޒާރުގެ ބުނެލުމެކެވެ. ޝައްޔާންއަށް ދައްކައިލީ ބިރެއްކަމަށްވިޔަސް، އަމާރާގެ މޫނުމަތީން ދައްކައިލީ މައުސޫމްކަމެވެ.

ދެއަތް މައްޗަށް އުފުލާލަމުން، ޗޮކެއް ކަނޑާލާފައި ޝައްޔާން ފަހަތަށް ޖެހިލި އެވެ.

"ފައިން، ފައިން، މިފަހަރު މޮޅުވީ ފުށްގުޑި!" ކާމިޔާބު އިއުލާންކުރީ ޝައްޔާން އެވެ.

ލިބުނު ކާމިޔާބުގައި، އަމާރާ ހީނލީ އެއްމިޔަކަނުންނެވެ. 

"ގުޑް! ވީ އެންމެ އަވަހަކަށް އަހަރެންގެ ގެއަށް ގެންގޮސްދީ، އައްޓަމަސް!"ޑްރާމާ ގޮތަކަށް އަމާރާ ބުނެލި އެވެ.

"ނުސީދާކޮށް ތި ވަނަމުގެ ވާހަކަ ދެއްކުނީތީވެސް މިހާރު މޮޔަ ހިތަށްއަރާ!" ފޫހިކަން ދައްކާލަމުން ޝައްޔާން އެކްޓްކޮށްލި އެވެ.

ވަގުތާއި މާހައުލަށް ބެލުމެއްނެތި 'ފުށްގުޑި' އާއި 'އައްޓަމަހުގެ' ހަނގުރާމަ ފެށުނީ މެންދަމުގެ ހަނދު އޭގެ މަންޒިލަށް ދަތުރުފަށާފައި ވަނިކޮށެވެ. 

...................

ދުވަސްތައް ފާއިތުވެ، މޫސުން ބަދަލުވެގެންދޭ އެވެ. އަމާރާ އާއި ޝައްޔާންގެ ގުޅުން ދުވަހެއް ދުވަހަކަށް ދިޔައީ ވަރުގަދަވެ ކުރިލައި ބާރަށް ހެދެމުންނެވެ. ކުދިކުދި ގޯނާތަކާއި ކުރަމުންދިޔަ ސަމާސާތަކާއި ދިމާކޮށްލާ ތަފާތު ގޮތްތައް 'އާދައަކަށް ވެއްޖެ' އެވެ.

ނަމަވެސް ކުރިން އެދެމެދުގައި ނެތް ކަމެއް ފަހަކަށްއައިސް ވުޖޫދުވެއްޖެ އެވެ. އެއީ ބަސްމޮށުންތެރިކަމެއް ލިބިފައިނުވާ، ތަފާތު ފިކުރުތަކަކާއި ކޮޅެއްގައި ނުޖެހުނު ފުން ވިސްނުންތަކެކެވެ. ނުފެންނަ ދަމާ ބާރަކުން، ދެމީހުން ގާތްކުރާ އިހްސާސްތަކުގެ ހިމަހިމަ ރޮދިފަށެކެވެ. 

އަމާރާއަށް ފާހަގަކުރެވެންފެށީ، ނޭގި ނަމަވެސް އޭނާގެ ސަމާލުކަން ޝައްޔާންގެ ހަރަކާތްތަކަށް ދެވެންފެށިކަމެވެ. އަތުގެ މުލައްދަނޑިއާއި ހަމައަށް އޮޅާލާފައި ހުންނަ އަގުބޮޑު ގަމީހާއި ޖީންސް ނުވަތަ ފަޓުލޫނުގައި ޝައްޔާންގެ ފިރިހެންވަންތަކަން އޭނާގެ އެސްފިޔަތަކުގެ ސަމާލުކަން ހޯދާލާގޮތެވެ. ގަމީހުގެ އެންމެ މަތިން ނައްޓާލާފައި ހުންނަ ތިން ގޮށް އެއްފަރާތްކޮށް، މޭމަތީގެ ތަނަވަސްކަން އޭނާގެ ހިތާއި ކުޅެލާ އަސަރުގަދަ ގޮތްތަކެވެ.

ހާސްވެ، ކަންތައް ބޮޑުވެ ނުވަތަ ކަމަކާއިމެދު ހިތްހަމަނުޖެހިއްޖެނަމަ، 'ޖެލްއަޕް ހަދާލާފައި ހުންނަ' މަހްމާކޮޅެއްފަދަ ފަށުވި އިސްތަށިގަނޑުގެތެރެއަށް ޝައްޔާންގެ އަތުގެ ހިމަ އިނގިލިތަށް މަހައިލާ ކޮންމެ ހަރަކާތެކެވެ. ފެންނަ ފަށުގައި އިތުރު މީހަކު ނެތްނަމަ އަމާރާއާއި ސަމާސާކޮށްލާ އިޝާރާތްތަކެވެ. ޝައްޔާންގެ ނަން އަމާރާގެ ކުރިމަތީން ތާއަބަދު ފެންނަމުނންދާ ސަބަބު އަމާރާގެ ހިތަށް ވިސްނައިދިނުމުގައި އޭނާއަށް އަދިވެސް ކާމިޔާބެއް ނުލިބެ އެވެ.

ޝައްޔާންގެ ހިތާއި ސިކުނޑީގެ އަރާރުން ހައްލުވާނެ ދުވަހެއް އޭނާގެ ވިސްނުމަކަށް ނުގެނެވުނެވެ. އެންމެ ހިނދުކޮޅަކަށްވެސް އަމާރާގެ ސޫރައާއި، އެކުގައި ހޭދަކުރެވޭ ވަގުތުތަކުގެ ހަނދާންތައް ދުރަކަށް ނުދިޔަ އެވެ. ޝައްޔާންގެ ހަޔާތުގައި ދުވަހަކުވެސް އެފަދަ އެހެން އިންސާނަކާއި ދިމާވެފައެއް ނުވެ އެވެ. 

އަމާރާ ތަފާތެވެ. އަމާރާގެ ހަރަކާތްތަކާއި މިޒާޖުވެސް ތަފާތެވެ.

ޝައްޔާންގެ މަޝްހޫރުކަމާއި މަގްބޫލުކަމާއި ތަނަވަސްކަން އަމާރާގެ ރާޑަރަށް މިހައިތަނަށް އަރާފައެއް ނުވެ އެވެ. 'ޝައްޔާންގެ ދުނިޔޭގެ' ހަލަބޮލިކަމާއި ކިލަނބުކަން ނުވަތަ އެ ދާއިރާގެ ފޮރުވިފައިވާ 'ހަގީގަތްތައް' އަމާރާގެ ދުނިޔޭގައި ނިއުޅެމުން ނުދަނީ ކީއްވެކަމެއް ޝައްޔާންއަކަށް ނުވިސްނުނެވެ.

ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ހުއްޓަސް، އަޖައިބަކީ އަމާރާގެ ޖާދޫގައި ޝައްޔާން ބަނދެވިއްޖެކަމެވެ.. ރެއާއި ދުވާލުން 'ނޭވާލާން ލިބޭ ކޮންމެ ވަގުތެއްގައި' އަމާރާއަށްޓަކައި ޝައްޔާންގެ ހިތް ތެޅިފޮޅޭކަމެވެ. އެކުގައި ހޭދަކުރާން ލިބޭ މަދު ވަގުތުތަކަށް ނިމުމެއް އަންނާން ޝައްޔާން ބޭނުމެއް ނޫނެވެ.

................

އަމާރާ އިށީނީ، ޝައްޔާންގެ ކުރިމައްޗައްވާގޮތަށް ހުރި ގޮނޑީގަ އެވެ. ފަނޑު އަލިކަމެއް އެކުލެވިފައިވާ ރެސްޓޯރެންޓަކީ ޖާގައިގެގޮތުން ބަލާއިރު ކުޑަތަނެކެވެ. ނަމަވެސް އަމާންކަމާއި އަމިއްލަވަންތަކަން ބޭނުންވާ 'މުއްސަނދިންނަށް' އެއަށްވުރެން ހިތްގައިމު އެހެން މަންޒިލެއް ހުޅުމާލެ ފޭސްދެއަކުން ނުލިބޭނެކަން ކަށަވަރެވެ.

އެވޮކާޑޯ ސްމޫތީގެ ތެރޭގައި އިން ހޮޅިއާއި އަމާރާ ކުޅެލި އެވެ. އަމާރާ އިނީ ފުންހިޔާލެއްގައިކަން ޝައްޔާންއަށް ޔަގީންވީ އޭނާގެ މޫނާއި ލޮލުގެ ޖަޒްބާތުތަކަށް ރަގަޅަށް ބެލުމަށްފަހުގަ އެވެ.

"އަހަންނަށް އަދިވެސް ނުވިސްނިގެން މިއުޅެނީ އަހަރެން މިރޭ، މިވަގުތު، މިތަނަށް މިއައީ ކީއްވެގެންކަން..!" މަޑުމަޑުން އަމާރާ ބުނެލި އެވެ.

ކޮފީ ޖޯޑުން އެތިފޮދެއް ބޯލާފައި އަމާރާއާއި ދިމާއަށް ޝައްޔާން ބަލައިލިއިރު އޭނާ އިނީ ލާނެއްގޮތަކަށް އެއްމިޔަކަނުން ހިނިއައިސްފަ އެވެ.

"އެއީ އަހަރެން ވަރަށް ބޮޑަށް ބަނޑުހައިވެގެން، އަހަންނާއެކު މިތަނަށް އައިސްދިނުމަށް އެދުނީތީވެ..! އަދި އޭގެ އިތުރަށް އިއްޔެގެ 'ބެޓް'ވެސް ކާމިޔާބުކުރެވުނީ އަހަންނަށް ކަމަށްވާތީ..!" އަމާރާ ރުޅިއަރުވާލުމަށް ޝައްޔާން ބުނެލި އެވެ.

"ވަޓް-ދަ-... އައި ޑިޑް ނޮޓް ލޫސް....!" އަމާރާގެ ދެބުމަ ގޮއްޖަހާފައި ބުނެލި އެވެ. 

"އަހަންނާއެކު ކެއުމަކަށް އައުމަށް އަމާރާ އޮތީ ދަރާފަ..!" ހަމަޖެހިލާފައި ޝައްޔާން ބުނެލީ އޭނާގެ ކޮފީ ޖޯޑުގެ ކައިރިފަށުގައި ކަނާއަތުގެ ޝަހާދަތް އިނގިލިން ކާއްތާލަމުންނެވެ. 

"ދިޒް އިޒް ނޮޓް އަ ޑޭޓް!" ލޮލުގެ ކަޅި އަނބުރާލަމުން އަމާރާ ބުނެލީ ޝައްޔާން ބުނަން އުޅޭ އެއްޗެއްގެ ދޭހަ އެވެ.

"ކާކު ތިހެން ބުނީ؟" އާމާރާއާއި ދިމާއަށް ގުދުވެލާފައި ސިއްރު ސިއްރުން ޝައްޔާން ސުވާލުކޮށްލި އެވެ.

"ހީވާހީވުމަށް، އެފަދަ ދައުވަތަކަށް އަމާރާގެ ހިތް ވަރަށް އިންތިޒާރުކުރޭ..!" މޫނުމައްޗަށް ހުރަސްއަޅަމުންދިޔަ އިސްތަށިކޮޅެއް އަމާރާގެ ކަންފަތްދޮށަށް ޖަހައިލަމުން ޝައްޔާން ބުނެލި އެވެ. 

ކުއްލިޔަކަށް އަމާރާ ޗޮކެއް ކަނޑާލި އެވެ. ނަމަވެސް އޭނާއަށް ނޭގުނީ ދެކޯތާފަތުން ހޫނު އިހްސާސްވިކަމާއި މުޅި މޫނު ޖަންބުކުލައަށް ބަދަލުވެގެން ދިޔަކަމެވެ.

"އިން ޔޯ ޑްރީމްސް، އައްޓަމަސް!" ދޫ ނެރިފައި ލޯބިގޮތެއް ލޮލަށް ހަދައިލަމުން އަމާރާ ބުނެލި އެވެ.

މިފަހަރު ޝައްޔާން ޗޮކެއް ކަނޑާލީ އަމާރާގެ އެ ހަރަކާތަށްވުރެން މާލޯބިކޮށެވެ. ނަމަވެސް އެ މައުލޫ އިތުރަށް ކުރިއަށް ގެންދިއުމުގެ ހިޔާލެއް ޝައްޔާން ނުކުރި އެވެ.

ހިމޭންކަމުގެ ތެރެއިން އިވެމުންދިޔައީ ނަވާރަސަތޭކަ އަށްޑިހައިގެ ފަހުކޮޅުން ފެށިގެން، ނުވަދިހައިގެ އަހަރުތަކުގައިވެސް ޒުވާން ހިތްތަކުން ފުން ޖާގައެއް ހޯދި ހިތްގައިމު ލަވައެކެވެ. މިއަދާއި ހަމައަށްވެސް ފަނޑުވުމެއްނެތް 'ކްރިސް ޑީބަރގްގެ، ލޭޑީ އިން ރެޑް' އެވެ. ލަވައިގެ އަސަރު ރެސްޓޯރެންޓުގެ އިޝްގީ މާހައުލުގައި ވަރަށް ރަގަޅަށް ހަރުލާފައިވާކަން އެނގުނީ، ފަނޑުއަލީގައި ފެންނަމުންދިޔަ 'މަންޒަރުތަކުން'ނެވެ.

ތަފާތު ނަޒަރަކުން ޝައްޔާން ބަލައިލީ އޭނާގެ ކުރިމަތީގައި 'ރޫބީ ރެޑް'ކުލައިގެ ހިތްގައިމު ހެދުމެއްގައި އިން އަމާރާއަށެވެ. އަމާރާގެ ރީތިކަމާއި ފުރިހަމަކަމަށްޓަކައި ތައުރީފުގެ ބަސްތަކުން ހިތާއި ދޫ ފުރިގެން ދިއަޔަސް، އެފަދަ ލޮބުވެތި ހަރަކާތަކަށް ޝައްޔާން ތައްޔާރެއް ނޫނެވެ. 

އެއްޗެއް ބުނުމަށް ހަރަކާތްކޮށްލި ވަގުތު ޝައްޔާންގެ ލޮލުގައި އަޅައިގަތީ ދާދި ގާތުގައި ހުރި މޭޒެއްގައި ތިބި ބައެއްގެ ތެރެއިން ފިރިހެނަކު، ނޭގޭކަމަށް ހަދާފައި އަމާރާއާއި ގާތްވާން ކުރަމުންދިޔަ މަސައްކަތެވެ. ތިން ފިރިހެނުން ތިބި މޭޒުގައި ބަހުސްކުރެވެމުންދިޔަ މައުލޫއެއް ނޭގުނަސް، އެމީހުންގެ ހުނުމާއި އަޅަމުންދިޔަ ކަޅި އަމާޒުވެފައިވަނީ ސީދާ އަމާރާއަށްކަން ޝައްޔާން ޔަގީންކުރި އެވެ. 

ދަތްކުނޑިވިކައިލެވުނީ ކޮލު ދަތްތައް ބިންދައިގެންދާ ވަރަށެވެ. 

ޝައްޔާންގެ މޫނާއި އޭނާގެ ހަރަކާތްތަކަށް އަންނަމުންދިޔަ ބަދަލުގެ އެއްވެސް އިޝާރާތެއް ލިބިފައި ނެތް އަމާރރާ އޭރުވެސް ވާހަކަދައްކަމުންދިޔައީ 'އެ ދެމީހުންގެ ބެޓް ކުރުމާއި'މެދުގަ އެވެ.

ޝައްޔާންގެ އިޝާރާތެއް ނުވުމުން އަމާރާ ބަލައިލި އެވެ. މޫޑު ބަދަލުވެފައިވާ ޝައްޔާންގެ ހަށިގަނޑަށް އައި 'ހަރުކަށި ބަދަލު' ފާހަގަކުރެވުމުން އަމާރާގެ ނިއްކުރިއަށް ރޫ އަރުވާލި އެވެ.

"ވަޓްސް ރޯންގް ވިތް ޔޫ؟" ކަމެއް ގޯސްވެއްޖެކަން ޔަގީންކޮށްފައި އަމާރާ ސުވާލުކުރި އެވެ.

އަމާރާގެ ސުވާލަށް ޖަވާބެއްދިނުން ޝައްޔާންއަށް މުހިއްމެއް ނުވި އެވެ. އިށީންދެގެން އިން ގޮނޑި ކުރިއަށްވުރެން މޭޒާއި ގާތްކޮށްލި އެވެ. އަދި އަމާރާއާއި ގާތްވެލާފައި، އުޅަނބޮށިން ފެށިގެން ހާމައަށް އޮތް އަތުގައި، ލަސް ހަރަކާތަކާއެކު ޝައްޔާންގެ އިނގިލިތަކުން މަޑުމަޑުން ފިރުމަން ފަށައިފި އެވެ. ލަސް ހަރަކާތަކާއެކު އިނގިލިތަށް ތިރިކޮށްލަމުން ދެމީހުންގެ އަތާއި އަތް ޖޯޑުކޮށް އިނގިލިތަށް، މަހައިލައިފި އެވެ.

އަމާރާގެ ނޭވާ ހުއްޓި، ލަނގޮނޑި ތާށިވެއްޖެ އެވެ.

"ޝައްޔާން.. ކީއް ތި ކު ރަ.." ޖުމުލަ ފުރިހަމަކުރާނެ ބާރެއް އަމާރާގެ ދުލަކު ނެތެވެ. އެސްފިޔަތަށް ލެއްޕިގެންދިޔައީ މުޅި ހަށީގައި ކަރަންޓުގެ ރާޅެއް ދަތުރުކޮށްލީތީ އެވެ.

އެއްމިޔަކަނުން ހިނިއައިސްފައި ޝައްޔާން އެއްލޯ މަރައިލި އެވެ. 

"ވަށައިގެން ބަލަމުން އެދާ ލޯތަކަށް ބުނެދޭން ބޭނުންވީ، މިއީ ހަމައެކަނި އަހަރެންގެ ފުށްގުޑިއެއްކަން..! ފާޑުފާޑުގެ އެއްޗެހި އެމީހުންގެ ހިތަށް އަރައި، ފުރައްސާރަކުރަން ފުރުސަތެއް ނުދޭނަން..!" ވައި އަޑުން ޝައްޔާން ބުނެލީ އަމާރާއާއި ދިމާއަށް ގުދުވެލާފައި ކޯތާފަތުގައި އޭނާގެ ތުނބުޅި ބީއްސާލަމުންނެވެ.

"ޔޫ އަރ އިމްޕޮސިބަލް!" ދެފަރާތަކަށް ބޯ ހޫރުވާލާފައި އަމާރާ ބުނެލީ ވަރަށް މަޑުންނެވެ.

ލޯބި ގޮތަކަށް ހިނިތުންވަމުން، ޝައްޔާންގެ ތުންފަތުން ގެނުވި ހަރަކާތަކީ އަމާރާގެ އެސްފިޔަތަށް ތިރިކޮށްލަން މަޖުބޫރު ހަރަކާތެކެވެ. އަދި އަމާރާގެ އިނގިލިތައް އޭނާގެ އަތުގެ ތެރޭގައި ފިއްތާލަމުން، ތުންފަތާއި ގާތްކޮށްލި އެވެ.

ގިނައިރުތަކެއް ނުވެ، ދެމީހުންގެ "ނޮޓް - އަ - ޑޭޓް' ނިމިއްޖެ އެވެ. ފަނޑުނުވި ހިނިތުންވުމެއް އަމާރާގެ ތުންފަތްމަތީން ފެންނަމުންދިޔަ ސަބަބާއިމެދު އެއްޗެއް ބުނާން ޝައްޔާން ބޭނުމެއް ނުވި އެވެ. އަމާރާގެ އަތުގެ އިނގިލިތަކަށް ބަލައިލި އެވެ. ޝައްޔާންގެ ބީހުންތަކުގެ އަސަރު އަދިވެސް އަތާއި އިނގިލިތަކުގައި ތާޒާކޮށް އެބަހުއްޓެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް