ads
ވާވު އަތޮޅު
ގެއްލުން ކުޑަކުރުމަށް، މުޅި އަތޮޅު/ސިޓީން ވޯޓްލައިގެން މެމްބަރުން ހޮވުން
އިންތިހާބީ ދާއިރާތައް ކުޑަވުމުން ފައިސާގެ ނުފޫޒުން ރައްޔިތުންގެ މަސްލަހަތު ފަސާދަ ކުރުމަށް އޮތް ފުރުސަތު ބަންދު ކޮށް އިންތިހާބީ ދާއިރާތައް ބޮޑުކޮށް ފައިސާގެ ނުފޫޒު ގައުމީ އިންތިހާބުތަކުން ކުޑަ ކުރުން ލާޒިމް ކުރުމަށް ގާނޫނު އަސާސީގައި ކަނޑައެޅުމަށް "އެދޭ ރާއްޖެ" ކެމްޕޭން ހަރަކާތުން ގޮވާލައިފި އެވެ.
Advertisement

"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައުއާއި، ކައުންސިލްތަކާއި މީޑިއާއާއި، ސިޔާސީ ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، އިސްލާހީ ހަރަކާތަކަށް މަގު ކޮށުމެވެ. 

އެދޭ ރާއްޖެ ޓީމުން މިހާރު ރައްޔިތުންގެ ހިޔާލަށް ހުޅުވާލައިފައިވާ ކަރުދާހުގައި ވާގޮތުން މިހާރު ފެންނަ އެންމެ ބޮޑު އެއް މައްސަލައަކީ އިންތިހާބީ ނިޒާމުން ނެރެވޭ ނަތީޖާއަކީ ރައްޔިތުންގެ ސިޔާސީ ވިސްނުމާއި، ފިކުރާއި، އެދޭގޮތާއި އަދި ސިޔާސީ ހާލަތާއި ދުރު ހާލަތަކަށް ވުމުގެ ފުރުސަތު އޮވެފައި، އިންތިހާބީ ދާއިރާތައް ކުޑަވުމުން ފައިސާގެ ނުފޫޒުން ރައްޔިތުންގެ މަސްލަހަތު ފަސާދަ ކުރުމަށް ފަސޭހަވެގެން ދާދި އުމެވެ.

ހަރުދަނާ ހިންގުމުގެ ނިޒާމުތަކުގައި ތެރެއިން ރާއްޖޭގެ ސިޔާސީ ނިޒާމަކީ ވެސް ރައްޔިތުންގެ ބާރާއި މަސްލަހަތު ހިމާޔަތްކުރާ ފޮރުވިފައިވާ ނުފޫޒުން ސަލާމަތްކުރެވިފައިވާ ނިޒާމަކަށް ހެދުމަށްޓަކައި އެދޭ ރާއްޖޭ ކަރުދާހުން ހުށައަޅާ ހައްލުތަކަކީ:

1. ދިވެހިރާއްޖޭގެ ވޯޓުލާ ނިޒާމު ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކުރުން.

2. އިންތިހާބީ ދާއިރާތައް ބޮޑުކުރުން. (ކުޑަވެގެން އަތޮޅަކީ އިންތިހާބީ ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުން)

3. ރަޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅުމަށް ދިރާސާ ކުރުމަށް ފަހު އަދަދު ހިފެހެއްޓުން.

4. ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން ވާނީ، އެ ރަށެއް ނުވަތަ އެ ތަނެއްގައި ދިރިއުޅޭ މީހުންގެ ލިސްޓުގައި ހިމެނޭ މީހުން ކަމަށް ކަނޑައެޅުން

5. ރިކޯލް ވޯޓް ތައާރަފްކޮށް، ދާއިރާގެ ރަށްވެހީންގެ 20 އިންސައްތަ އެދިއްޖެނަމަ ރިކޯލ ވޯޓަކަށް ދިއުން.

6. މަޖިލިސް އިންތިހާބުގައި ވޯޓު ލެވޭނީ އެ އަތޮޅެއްގެ ރަށްވެހިންނަށް ކަމަށް ކަނޑައެޅުން

7. ރިޔާސީ ނިޒާމެއްނަމަ ރިޔާސީ ދައުރުގެ މެދުތެރެއިން ރައްޔިތުންގެ މަޖިލީހުގެ 50 އިންސައްތައާއި އަތޮޅާއި ސިޓީކައުންސިލް ތަކުގެ އިންތިހާބު ބޭއްވުން 

8. ރިޔާސީ އިންތިހާބުގައި ޕްރިފަރެންޝަލް ނިޒާމެއްގައި ހޮވޭ ކެންޑިޑޭޓަށް ވޯޓުލާމީހުންގެ 50 އިންސައްތަ އަށްވުރެ ގިނައިން ލިބޭކަން ކަށަވަރުކުރުން.

9. އިންތިހާބުތަކަށް ހޭދަ ކުރެވޭ މިންވަރު ދަށް ކުރުމާއި، ސިޔާސީ ކަންކަމަށް އެކި ފަރާތްތަކުން ދޭ ފައިސާގެ މިންވަރު ހާމަ ކުރުމާއި އެކު އިންތިހާބަށް ކުރާ ހޭދަ ވަކިވަރެއްގައި ހިފެހެއްޓުން.

މިކަންކަން މި މަގުން ތަރުތީބުވެ ތަންފީޒުވާން ފެށުމުން ނިކުންނާނެ ނަތީޖާ އަކީ ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމުގައި ކަޅުފައިސާގެ ނުފޫޒު ކުޑަކުރުމެވެ. މީގެ އިތުރުން ފައިސާގެ ނުފޫޒުން ސިޔާސީ ދާއިރާގައި ނިންމުން ނިންމާ ގައުމީ އިންތިހާބުތަކުގެ މިނިވަންކަން ކަށަވަރުވެ އަމިއްލަ އިހްތިޔާރުގައި ވޯޓުލާ ގޮތް ނިންމުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ.

ހަމަ މިއާއެކު އިންތިހާބީ ދާއިރާތަކާއި ވޯޓުލާ ނިޒާމަށް އަންނަ ބަދަލާއެކު ގިނަ މީހުންގެ ތާއީދާއެކު ރައްޔިތުންގެ މަންދޫބުން ހޮވުމަށް މަގުފަހިވެ، ވަކިވަކި މެމްބަރުން މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ހޯދުން ހުއްޓުވުމަށް ފަސޭހަކޮށް ހަމަހަމަކަމާއެކު ހިދުމަތް ހޯދުމަށް މަގުފަހި ކުރެވޭނެ އެވެ. އަދި ގިނަ ޕާޓީތަކާއި ރައްޔިތުންގެ ފުރިހަމަ ޝާމިލުވުން އޮންނަ ސިޔާސީ ނިޒާމަކަށް މަގުފަހިވެގެންދާނެ އެވެ.

ރައްޔިތުންގެ މަޖިލީސް ހިމެނޭހެން އިންތިހާބީ މަގާމުތަކަށް އައުމަށް އޮތް މަގު ކަމުގައިވާ އިންތިހާބީ ދާއިރާތައް ބޮޑު ކުރުމުގެ ނަތީޖާ އަކަށް ވެގެން ދާނީ ވޯޓަށް ފައިސާ ބެހުން މަދުވެ، ރައްޔިތުންގެ މަސްލަހަތު ދިފާއު ކުރާނެ ރައްޔިތުންގެ މަންދޫބުން ގިނަވުމެވެ. އަދި ވިޔަފާރިވެރިންނާއި ސަރުކާރުތަކުގެ ސްޕޮންސާ ލިބިގެން ހޮވޭ އަދި ހޮވުމަށް ފަހު ވިޔަފާރިވެރިނާއި ސަރުކާރުގެ މުށުތެރެއަށް ވަންނަ އިންތިހާބީ މެންބަރުންގެ ސަބަބުން ގެއްލޭ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމުގެ ފުރުސަތު ލިބުމެވެ.

އެހެން ކަމުން ރައްޔިތުން މަތިން އަބަދުމެ ހަނދާން ކުރަން މަޖުބޫރުކޮށް، ސަރުކާރުގެ ކޮންމެވެސް ފިއްތުމެއް އަތުވެދާނެތީ ނުވަތަ އިންޒާރެއް އައުމުން، ސަރުކާރުން ބޭނުންވާ ގޮތަކަށް ދީލާ ނުލާނެ އިންތިހާބީން ގިނަކޮށް ވެރިކަން ހިންގުމުގެ އޮނިގަނޑުގެ އެންމެ މަތީގައި އަބަދުވެސް ތިބޭނެ ބަޔަކީ "ރައްޔިތުން" ކަމުގައި ހެދުމަށް އިންތިހާބީ ނިޒާމް އަލުން އެކުލަވާ ލުމަށް ގާނޫނޫ އަސާސީ އިސްލާހު ކުރުމަށް އެދޭ ރާއްޖެ ޓީމުން ވަނީ ގޮވާލާފަ އެވެ.

މި ކަންކަމަކީ އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކުން ހައްލު ހޯދޭނެ ކަންކަމަށްވާތީވެ މިހަރަކާތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންގެ ހިޔާލާއި މަޝްވަރާއަށް އެދޭ ރާއްޖެ ޓީމުން ގޮވާލަ އެވެ.

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް