
އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރުކޮށްފައިވާ މީހަކީ، ހ. ރެދަން، ފަވާޒް ކަޅުތުއްތުއެވެ. އޭނާގެ މައްޗަށް ހަތް މަހުގެ ޖަލު ހުކުމެއް އިއްވީ، ބިރު ދައްކައިގެން ފޭރުނު މައްސަލައެއްގައެވެ. އެއީ މިދިޔަ މޭ މަހުގެ ފުރަތަމަ ދުވަހު މާލޭގެ ފިހާރައަކަށް ވަދެ ވަޅިން ބިރު ދައްކައިގެން، އެ ފިހާރައިގެ ވަތްގަނޑުގައި ހުރި 700ރ. ފޭރުނު މައްސަލާގަ އެވެ.
އެ މައްސަލާގައި ފަވާޒުގެ މައްޗަށް ކުރީ ފޭރުމުގެ ދައުވާ އާއި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އެވެ. މައްސަލައިގެ ޝަރީއަތުގައި އޭނާވަނީ ދެ ކުށަށްވެސް އިއުތިރާފުވެފައެވެ. ފޭރުމުގެ ކުށުގައި ކްރިމިނަލް ކޯޓުން އޭނާއަށް އިއްވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ.
އަދި ތޫނު ހަތިޔާރު ގެންގުޅުނު ކުށުގައި އޭނާއަށް ހަ މަސް ދުވަހުގެ ހުކުމެއް އިއްވި ނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހެނީ ތިން މަހުގެ ޖަލު ހުކުމެކެވެ.
ފަވާޒަކީ ކުރިން 15 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފައި އޮތް މީހެކެވެ.