
މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސިއްހީ މަރުކަޒުތައް މަރާމާތުކުރަން ހަވާލުކުރި ރަށްތަކަކީ ހއ. ތުރާކުނު، ހއ. ވަށަފަރު، ށ. ޅައިމަގު، ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ފ. ދަރަނބޫދޫއެވެ. މި ހުރިހާ ރަށށެއްގެ މަރުކަޒުތަކުގެ މަސައްކަތްވެސް ހަވާލުކުރީ އަމިއްލަ ކުންފުނިތަކާއެވެ.
ނ. މަގޫދޫ އާއި ބިލެއްދޫ އަދި ދަރަނބޫދޫގެ ސިއްހީ މަރުކަޒު އިމާރާތްކުރަން ހަވާލުކުރީ ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއިއެވެ.
މި މަސައްކަތުގެ ދަށުން ފ. ބިލެއްދޫ އާއި ދަރަނބޫދޫ ސިއްހީމަރުކަޒަށް ވޯޑަކާއި، ލެބޯޓްރީ، ނާސް ސްޓޭޝަން، ލޭބާ ރޫމް، އަދި ސްޓޯ ރޫމް އިތުރުކުރަން ޖެހެއެވެ. ފ. ބިލެއްދޫ މަސައްކަތް ހަވާލުކުރީ 4.3 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. ފ. ދަރަނބޫދޫ ސިއްހީމަރުކަޒު އަޕްގްރޭޑްކުރުމަށް ހަވާލުކުރީ 4.8 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް 210 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
ނ. މަގޫދޫ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އަގަކީ 4.8 މިލިއަން ރުފިޔާއެވެ. މި މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. މި މަސައްކަތުގެ ދަށުން އެ ސިއްހީ މަރުކަޒަށް ވޯޑަކާއި، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒާ ރޫމް، ލޯންޑްރީ އަދި ސްޓޯ ރޫމް އިތުރުކުރެވިގެންދާނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
ހއ. ވަށަފަރާއި ތުރާކުނުގެ ސިއްހީ މަރުކަޒުގެ ހަދަން އެއްބަސްވުމުގައި ސޮއިކުރުން
ހއ. ވަށަފަރާއި ތުރާކުނުގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ކުންފުންޏާ އެވެ. ވަށަފަރު ސިއްހީ މަރުކަޒުގައި ވޯޑަކާއި ޕްރައިވެޓް ރޫމާއި ލެބޯޓްރީ އާއި ނާސް ސްޓޭޝަނާއި ޕްރޮސީޖާ ރޫމާއި ގަރާޖް އަދި ގުދަނެއް ހަދަންޖެހެެެއެވެ. އެ މަސައްކަތުގެ އަގަކީ 4.8 މިލިއަން ރުފިޔާއަށެވެ. މަސައްކަތް 210 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
ތުރާކުނުގެ ސިއްހީ މަރުކަޒުގެ އޮފީހާއި މީޓިން ހޯލާއި ޕަބްލިކް ހެލްތު އޮފީހާއި ސްޓޯރު އަދި ލޯންޑްރީ ޖާގަ އިތުރުކުރަން ދިނީ 180 ދުވަހެވެ. އެ މަސައްކަތް ހަވާލުކުރީ 3.4 މިލިއަން ރުފިޔާއަށެވެ.
ށ. ޅައިމަގު ސިއްހީ މަރުކަޒު ހަދަން އެއްބަސްވުމުގައި ސޮއިކުރުން
ށ. ޅައިމަގު ސިއްހީ މަރުކަޒުގައި ވޯޑަކާއި ޕްރައިވެޓް ރޫމާއި ލެބޯޓްރީއާ ނާސް ސްޓޭޝަނާއި ޕްރޮސީޖާ ރޫމާއި ގަރާޖް އަދި ސްޓޯ ރޫމް އިތުރުކުރަން ހަވާލުކުރީ އީކޮން މޯލްޑިވްސް ކުންފުންޏާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 4.8 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ.