
މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރުއޯ) އިން ބުނީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ފޮނުވުމަށް ބަރު ގަހުގެ އޮށް ނެގީ ހދ. ކުޅުދުއްފުއްޓާއި ނ. ކެނދިކުޅުދޫ ކުޅީގައި ހެދޭ ބަރު ގަހުން ކަމަށެވެ.
އެމްއެސްއާރުއޯ އިން ބުނީ މިއީ ގްލޯބަލް ސްޕޭސް އެގްރިކަލްޗާ ރިސާޗަށް ރާއްޖޭގެ މުހިއްމު ހިއްސާއެއް ކަމަށެވެ. ރާއްޖޭގެ ކަނޑޫފާތަކުން ނެގި އޮށްތަކާ އެކު ނާސާގެ ޖައްވީ އުޅަނދު އިއްޔެ ވަނީ ޖައްވަށް ފުރައިފަ އެވެ.
ރާއްޖެ ހިމެނޭހެން ޖައްވަށް އޮށްތަކެއް ފޮނުވާލި 11 ގައުމުގެ ތެރޭގައި ގުއަޓެމާލާ، ކޮސްޓަ ރިކާ، ބްރެޒިލް، ނައިޖީރިއާ، އަރުމީނިއާ، މިސްރު، އިންޑިއާ، އަދި ޕާކިސްތާން ހިމެނެ އެވެ.
އެމްއެސްއާރްއޯ އިން މިއަދު ބުނީ، އޮށްތައް ޖައްވަށް ފޮނުވާލާފައިވަނީ ޖައްވުގައި އޮށްތައް ހެދި ބޮޑުވުމަށް އަސަރުކުރާ މިންވަރު ދެނެގަތުމަށް ކަމަށެވެ. އެގޮތުން ގްރެވިޓީ ދަށްވުމުން އޮށްތައް ފަޅައި ގަސްގަހާގެހި އުފެދުމަށް ކުރާ އަސަރު ދެނެގަންނާނެ ކަމަށާއި، ދުނިޔޭގައި ގަސްތައް ހެދި ބޮޑުވުމަށް މި ދިރާސާ މުހިންމުކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެމްއެސްއާރުއޯގެ ރައީސް މާދިން މަސީހު ވިދާޅުވީ ރާއްޖޭގެ ކަނޑޫފާތަކުގައި ހެދޭ ގަހެއްގެ އޮށް ފުރަތަމަ ފަހަރަށް ޖައްވަށް ދަތުރުކުރުމަކީ ލިބޭ ފަހުރެއް ކަމަށެވެ. ހާއްސަކޮށް ޖައްވަށް ކުރާ މިފަދަ ތާރީހީ ދަތުރުތަކުގައި ރާއްޖޭގެ އަޑާއި އުއްމީދު ހިމެނުމަކީ ރާއްޖެ އަށް ލިބޭ ފަހުރެއް ކަމަށް އޭނާ ވިދާޅުވި އެވެ.