ads
ތަފާތު ފިކުރު މީހުން ސާމިލްކޮށްގެން ޖަވާބުދާރީ ކުރުވުން- ގެންނަށް ޖެހޭ މުހިންމު އިސްލާހެއް
ދައުލަތާއި ސަރުކާރުގެ ހިންގުމުގެ ނިޒާމުން ބުނެދިން ހަގީގަތުގެ މައްޗަށް ބުރަވެ، ދައުލަތް ބޮއްސުންލާފައިވާ މިންވަރު އިތުރަށް ކުޑަކޮށް، ދައުލަތުގެ ނަޒާހަތްތެރިކަން ނެގެހެއްޓުމަށާއި ދެ ފުށް ފެންނަ ތަހުޒީބީ އުސޫލަކުން ދައުލަތުގެ އެންމެހާ ކަންކަން ހިންގުމަށް މަގުފަހި ކުރުމަށް ތަފާތު ފިކުރުގެ މީހުން ސާމިލްކޮށްގެން ދައުލަތް ޖަވާބުދާރީ ކުރުވޭނެ މުހިންމު އިސްލާހު ތަކެއް ގާނޫނޫ އަސާސީ އަށް ގެނައުމަށް އެދޭ ރާއްޖެ ކެމްޕޭން ހަރަކާތުން ގޮވާލައިފި އެވެ.
Advertisement

"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައު އާއި، ކައުންސިލްތަކާއި މީޑިއާ އާއި، ސިޔާސީ ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، އިސްލާހީ ހަރަކާތަކަށް މަގު ކޮށުމެވެ.

އެދޭ ރާއްޖެ ޓީމުން މިހާރު ރައްޔިތުންގެ ހިޔާލަށް ހުޅުވާލައިފައިވާ ކަރުދާހުގައި ވާގޮތުން "ދައުލަތާއި ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބު ކުރުމަށް" ވިސްނާއިރު މިހާރު ފެންނަ އެންމެ ބޮޑު އެއް މައްސަލައަކީ ދިވެހި ދައުލަތާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އުފައްދާފައިވާ މުއައްސަސާތައް ގާނޫނު އަސާސީން ތަސައްވުރުކުރި ގޮތަށް ހިނގަމުން ނުދިއުމެވެ. މިނިވަން މުވައްސަސާތަކުގައި މިނިވަން ކަމުގެ ރޫހު ނެތުމެވެ. މިނިވަން މުއައްސަސާތަކަށް އޭރެއްގެ ސަރުކާރުން ނުފޫޒު ފޯރުވާ ވަޒީފާގެ ބިރު ދައްކާ ކަމުގެ ޝަކުވާ ލިބުމެވެ.

އަދި ސަރުކާރުގެ ބިރަށް މިނިވަން މުއައްސަސާތަކުން ސަރުކާރަށް ފާރަލުން ހުއްޓުމެވެ. އެގޮތުން މުއައްސަސާތައް ހިންގުމަށް އެކަށޭނެ ސިޔާސީ މާހައުލެއް ނެތުމާއި، ފައިސާ އާއި އެހެނިހެން ވަސީލަތް މަދުވުމާއި، ދައުލަތާއި ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ނުދިނުމާއި، ގާނޫނީ އޮނިގަނޑު ހަރުދަނާ ނުވުމަކީ، ދައުލަތާއި ސަރުކާރު ޖަވާބުދާރީ ކުރުމުގެ ޒިންމާ އުފުލުމާ ހަވާލުވެތިބި މިނިވަން މުއައްސަސާތައް ވަޅުޖެހިފައިވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މިއީ ނިމުމަކަށް ގެންނަން ޖެހޭ ވަރަށް ނުބައި އަދި އެހާމެ ގެއްލުން ބޮޑު އާދައެކެވެ.

ގޯހެއް ހިނގައިފިއްޔާ ދައުލަތާއި ސަރުކާރު ޖަވާބުދާރީވެ ޒިންމާ އުފުލަން ޖެހޭނެ އެވެ. މިއީ ހަގީގީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އާއްމުކޮށް ކަން ހިނގާ އުސޫލު ކަމަށް ވިޔަސް ރާއްޖޭގައި މި އޮތީ އޭގެ ދިމާ އިދިކޮޅެވެ. ދައުލަތް ދަރުވާލިޔަސް ޒިންމާ ނަގަން ނުޖެހި ދައުލަތާއި ސަރުކާރުގެ އިސް ހިންގުންތެރިން ތިއްބަވަނީ މިނިވަންކޮށެވެ. ހާސްކަމަށް ވެއްޓެނީ ދައުލަތާއި ރައްޔިތުން ނެވެ. ގައުމު ހިންގުމާ ހަވާލުވެ ހުންނަ އެންމެ އިސް ހިންގުންތެރިޔާ އާއި އޭނާގެ ޓީމާއި އޭނާގެ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ދަރާ ވިކެނީ ދައުލަތާއި ރައްޔިތުންނެވެ. ސަރުކާރު ނިމިދާއިރު ދައުލަތާއި ރައްޔިތުން ދަރާ ވިކި ނާށިގަނޑު ހިފައިގެން ސަލާން ޖަހަން ޖެހިފައި އޮތަސް ގައުމު ހިންގުމާ ހަވާލުވެ ހުރި އެންމެ އިސް ހިންގުންތެރިޔާ އާއި އޭނާގެ ކެބިނެޓަށް ކަމެއް ވީހެން ވެސް ހީ ނުވެ އެވެ.

މިކަންކަން ހައްލުކޮށް ސިޔާސީ ބޮޑުން ހިތުހުރި ގޮތަކަށް ކަން ކޮށްފައި ހަމަޖެހިލައިގެން ނު ތިބެވޭނެ ގޮތް ހެދުމަށް ދައުލަތާއި ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބު ކޮށް ރައްޔިތުންގެ މަސްލަހަތުގައި ދައުލަތާއި ސަރުކާރު ހިންގުމަށް އެދޭ ރާއްޖޭ ކަރުދާހުން ހުށައަޅާ ހައްލުތަކަކީ:

1. މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ ދައުރު މުރާޖައާކޮށް ފުށުއެރުން ހައްލުކުރުން. އަދި މުއައްސަސާތަކުގެ މަސައްކަތް މުރާޖައާކޮށް، އެއްކޮށްލަން ޖެހޭ މުއައްސަސާތައް އެއްކޮށް، ދައުލަތް ޖަވާބުދާރީ ކުރުވުމަށް އިތުރަށް ބޭނުންވާ އިދާރީ އޮނިގަޑު އެކަށައަޅާ ތަންފީޒުކުރުން.

2. އިދާރާތައް އަލުން ތަރުތީބު ކުރާއިރު ރައްޔިތުންގެ ޝަކުވާ ތަކަށް ހައްލު ހޯދުމަށް އޮމްބަޑްސްޕާސަން އޮފީހެއް އުފެއްދުން.

3. މިނިވަން މުއައްސަސާތައް އަލުން ތަރުތީބު ކުރާއިރު، ސަރުކާރާއި މުޅިން ވަކިން މިނިވަންކަމާއިއެކު ދައުލަތުގެ އެސެޓްތައް ހާމަކޮށް ބަލަހައްޓާނެ ނިޒާމެއް އެކުލަވާލުން.

4. މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ ހިންގުން ހަރުދަނާކޮށް، ގާނޫނީ ޒިންމާ އަދާކުރާކަން ޔަގީން ކުރުމަށްޓަކައި އެކަށޭނެ މާލީ ވަސީލަތް ފޯރުކޮށްދިނުން

5. އިލެކްޝަންސް ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން، ސިވިލް ސާވިސް ކޮމިޝަން ފަދަ މުއައްސަސާތަކަށް މީހުން އައްޔަންކުރުމުގައި ރައްޔިތުންގެ މަޖިލީހުގަ ހިމެނޭ ޕާޓީތަކުން ހުށަހަޅާ މަންދޫބުން ހިމެނުން.

މިކަންކަން މި މަގުން ތަރުތީބުވެ ތަންފީޒުވާން ފެށުމުން ނިކުންނާނެ ނަތީޖާ އަކީ ދައުލަތާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އަދާކުރުމަށް އުފައްދާފައިވާ މުއައްސަސާތަކުގެ ޒިންމާ ފުރިހަމައަށް އަދާ ކޮށް އަދުލު އިންސާފު ތަފާތުކުރުމެއްނެތި ގާއިމްކުރެވި، ދައުލަތާއި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރެވި، ކޮރަޕްޝަނަށް މިހާރު ހުޅުވިފައި ހުރި ދޮރުތައް ބަންދު ކުރެވި، ދައުލަތުގެ އެންމެ އިސް މަސްލަހަތަކީ އޭރެއްގެ ސަރުކާރު ހިންގާ ފަރާތުގެ "ސިޔާސީ މަސްލަހަތު" ކަމުގައި ވުމުގެ ބަދަލުގައި ރައްޔިތުންގެ މަސްލަހަތުކަން ޔަގީން ކުރެވިގެން ދިއުމެވެ.

ރައްޔިތުންގެ އިތުބާރު ހޯދުމުގެ ބޭނުމުގައި ޑިމޮކްރެޓިކް ގައުމުތަކުން ކަންކަން އިންތިޒާމުކޮށް ތަންފީޒުކުރަނީ ދެފުށް ފެންނަ ގޮތަށެވެ. ރާއްޖޭގައި އޮތީ ފުރާ ފުރިހަމަ ވެފައިވާ ޑިމޮކްރެސީއެކޭ ކިޔާ އިރު ވެސް، ސިޔާސީ ބޮޑުން ހިތުހުރި ގޮތަކަށް ކަން ކޮށްފައި ހަމަޖެހިލައިގެން ތިބެން ދޫކޮށްލެވެން ނެތްކަން ނިމުނު 16 އަހަރުގެ ދައުލަތް ހިންގުމާ ހަވާލުވި ސަރުކާރުތައް ހިންގިގޮތުން މިހާރު މިއޮތީ ފެންނާށެވެ. ކޮންމެ ފަދަ ކަމެއް ކުރިޔަސް، ކިތަންމެ ސީރިއަސް މައްސަލައެއް ފެންމަތިވިޔަސް، ކިތަންމެ ބޮޑު ތުހުމަތެއް ބޮލުގައި އެޅުނަސް "ވަރިހަމަ" ވުން އެއީ މާޒީ ކަމުގައި ހަދައިފި އެވެ.

އެހެން ކަމުން ރައްޔިތުންގެ އިހުސާސްތަކަށް އިހުތިރާމްކޮށް، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުން މަތިން އަބަދުމެ ހަނދާން ކުރަން މަޖުބޫރުކޮށް، ދައުލަތާއި ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބު ކުރުމަށް ގާނޫނޫ އަސާސީ އިސްލާހު ކުރުމަށް އެދޭ ރާއްޖެ ޓީމުން ވަނީ ގޮވާލާފަ އެވެ.

މި ކަންކަމަކީ އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކުން ހައްލު ހޯދޭނެ ކަންކަމަށްވާތީވެ މިހަރަކާތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންގެ ހިޔާލާއި މަޝްވަރާއަށް އެދޭ ރާއްޖެ ޓީމުން ގޮވާލަ އެވެ.

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް