
މިއީ، 2024 ވަނަ އަހަރު އެޑިއުކޭޝަނުން ނެރުނު ސްކޫލްތަކަށް ކުދިން ވެއްދުމާ ގުޅޭ ސާކިއުލާއިން، ކުދިން ވެއްދުމާގުޅޭ އުމުރުފުރާތައް ކަނޑައެޅި ގޮތެއްގެ ސަބަބުން، ޕްލޭ ސްކޫލުން ބޭބީ ނާސަރީއަށް ޕްރޮމޯޓްވާން ޖެހޭކަމަށް ބެލެނިވެރިޔާއަށް ގަބޫލު ކުރެވުނު ކުއްޖަކު ޕްލޭ ސްކޫލުގައި ރިޕީޓް ކުރަން ޖެހުމާ ގުޅިގެން އުފެނުނު ހުސޫމާތެއްގެ ތެރެއިން އުފަންވެގެން އައި މައްސަލައެކެވެ.
މި މައްސަލައިގައި ކުއްޖާގެ މަންމަ އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން މި އަހަރުގެ ކުރީކޮޅު އަމުރެއް ނެރުން ނަމަވެސް ކުއްޖާގެ މަންމަ އެދޭ ހައްލު ނުލިބުމުން އޭނާ ދެން މި މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ.
މި މައްސަލަ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ ހިޔާލު ތަފާތުވިނަމަވެސް، މެޖޯރިޓީ ފަނޑިޔާރުންގެ ރައުޔަކީ ނާސަރީގައި ކިޔަވަމުންދާ ކުއްޖާ، އެލްކޭޖީއަށް ބަދަލު ކުރުމަށް އަމުރު ކުރުމެވެ. އެހެންކަމުން ދެ ފަނޑިޔާރުންގެ އަގްލަބިއްޔަތުން އަމުރު ކުރީ، މަސައްކަތު 15 ދުވަހުގެ ތެރޭގައި އެ ކުއްޖާ އެލްކޭޖީއަށް ބަދަލު ކުރުމަށެވެ. އެ އަމުރު އޮތް ގޮތުން، މިހާރު މި ކުރިއަށްދާ ސްކޫލް ބަންދަށް ފަހު ދެން ހުޅުވޭއިރު އެ ކުއްޖާ ދާނީ އެލްކޭޖީއަށެވެ.
އެހެންނަމަވެސް އެޑިއުކޭޝަނުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައި ހައިކޯޓުގެ އަމުރާ އެއްގޮތަށް އެ ކުއްޖާ ޕްރޮމޯޓް ކުރުން ހުއްޓުވީއެވެ.
ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ އެ ކޯޓުން ވަކިގޮތެއް ނުނިންމަނީސް ހައިކޯޓުގެ އަމުރަށް އަމަލު ނުކުރުމަށެވެ. މާނައަކީ ކޯޓު އަމުރުގެ ދަށުން އެ ކުއްޖާ ޕްރޮމޯޓު ނުވުމެވެ.