
މި އިސްލާހަކީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހެކެވެ. އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، ކައުންސިލްތަކުގެ ދައުރު ހަމަވުމަށް 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް މެނުވީ ބައެއް މުހިންމު ނިންމުންތައް ނުނިންމޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ ދާއިމީ މުވައްޒަފުންނާއި ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި، ކައުންސިލުން ފާސްކޮށްފައިވާ ތަރައްގީގެ ޕްލޭންތަކުގައި ނުހިމެނޭ އައު މަޝްރޫއުތައް ފެށުމެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާ ކުރެވިފައެވެ. މި އިސްލާހު ހުށަހެޅިފައިވަނީ ކައުންސިލްތަކުގެ ދައުރު ނިމުމުގެ ކުރިން އިންތިގާލީ މަރުހަލާގައި މާލީ ޒިންމާދާރުކަން ކަށަވަރުކުރުމަށް ކަމަށް ބުނެވެއެވެ.