މިރޭ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މުސްލިމުންގެ ތިންވަނަ އަށް އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް އަގްސާގެ އިމުގެ ތެރެއަށް އިޒްރޭލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އީޓަމަރް ބެން ގްވީރް، ވަދެ އެ މިސްކިތުގެ ހުރުމަތް ކަނޑާލި ކަނޑާލުން ކުށްވެރިކުރާ ކަމަށެވެ.
މި އަމަލަކީ ބައިނަލްއަގްވާމީ ގާނޫނާއި، އިސްލާމީ މުގައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީހީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިސްރާއީލުން ކުރަމުންގެންދާ ނޭދެވޭ އަމަލެއް ކަމަށް ބަޔާނުގައިވެ އެވެ.
އިސްރާއީލުން ކުރަމުން ގެންދާ ގައިރު ގާނޫނީ އަމަލުތަކާއި، އިސްލާމީ މުގައްދަސު ތަންތަނުގެ ހުރުމަތް ކަނޑާލުމަށް ހިންގޭ އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ބައިނަލް އަގްވާމީ މުޖުތަމައަށް ރާއްޖެއިން ވަނީ ގޮވާލައިފަ އެވެ.
ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް، ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ވެސް ނުދާހާ ގޯސް ދަރަޖަކަށް ގޮސްފައިވާ ކަމަށް ދާދިފަހުން އދ. އިން ވެސް ބުނެފައިވެ އެވެ.