
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ކޮމިޓީތަކަށް އައި ބަދަލުތައް ހާމަކުރައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި އިންނެވި ޝުޖާއުގެ ބަދަލުގައި އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު އެ ކޮމެޓީއަށް ހަމަޖައްސަވާފައިވާ ކަމަށެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސް އިއްޔެ އޭނާ ވަނީ ޝުޖާއު ވަކިކޮށްފައެވެ.
މަޖލީހުގެ ކޮމެޓީތަކުން ޝުޖާއު ވަކިކޮށްފައި މިވަނީ އޭނާގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް އާއި އިތުރު ކުންފުނިތަކަކުން ހިންގި މުއާމަލާތްތަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެެއް ލީކުވެފައި ވަނިކޮށެވެ. މި ރިޕޯޓްގެ މައްސަލަ ފުލުހުންނާއި އޭސީސީން ބަލަމުންދާކަމަށް ވަނީ ބުނެފައެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން
- މި ސަރުކާރު ވެރިކަމާއި ހަވާލުވެ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިޔާތުގެ ކަންކަން ހަވާލުކުީ ސިފައިންގެ ކުންފުނި ސިވެކަށް. އެ ކުންފުންޏަށް ފިނޭންސް މިނިސްޓްރީން 23 މިލިއަން ރުފިޔާ ދިން.
- އެ ފައިސާއިން 13 މިލިއަން ރުފިޔާ ސިވެކުން ޖަމާކުރީ އޮފިޝަލް އިވެންޓްސްއަށް
- ހަމަ އެ އިވެންޓަށް ލިބުނު ފައިސާއިން ސިވެކުން ޑީކިއު ހޯލްޑިންސްއަށް 4.2 މިލިއަން ރުފިޔާދިން
- ސިވެކުން ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ ޖަމާކުރި
- އޮފިޝަލް އިވެންޓްސްއަށް ލިބުނު އެ ފައިސާގެ ތެރެއިން 8 މިލިއަން ރުފިޔާ އެ ކުންފުނިން ހަރަދުކުރީ، ކުންފުނީގެ ހިއްސާދާރުން ރެއިންބޯގެ ރެއިންޕާލް ރެސިޑެންސްގެ ދެ އެޕާޓްމަންޓު ގަތުމަށް،
- ކޮންމެ އެޕާޓްމަންޓެއްގެ ޖުމުލަ އަގަކީ 20 މިލިއަން ރުފިޔާ
- މާލޭ ސިޓީ ކައުންސިލް، ވެމްކޯ، އެޗުޑީސީ، އެމްއޭސީއެލް އަދި އެސްޓީއޯއިން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސްއަށް ފައިސާ ޖަމާކޮށްފައިވޭ
އާއްމުވެފައިވާ މި ރިޕޯޓާއި ގުޅިގެން އެކްސްގައި ޝުޖާއު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަތުރަމުން ދަނީ އަސްލެއްކަމެއް ނުވަތަ ފޭކެއް ކަމެއް ބުނަން ނޭނގޭކަމަށެވެ. ސަބަބަކީ އެކަމުގެ އެއްވެސް މަޢުލޫމާތެއް އެވެސް ރަސްމީ އިދާރާއަކުން ލިބިފައި ނުވާތީކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެއީ ސައްހަ ރިޕޯތެއްނަމަ އެކަން ކޮށްފައި އެވަނީ އޭނާ ހިއްސާވާ ވިޔަފާރިތަކަށް ގެއްލުން ދިނުމުގެ މަގުސަދުގައި ގަސްދުގައި އޮޅާލައިގެންކަމަށް ޝުޖާއު ވިދާޅުވިއެވެ.