
އެ އިދާރާއިން ބުނީ ވޭފް ރާއްޖެއަށް އެތެރެކުރުން މަނާކުރި ދުވަހުން ފެށިގެން ޖޫން 15ގެ ނިޔަލަށް 69 މީހަކު ޖޫރިމަނާކޮށްފައިވާކަމަށެވެ.
އެ ޖޫރިމަނާތަކުގެ އަދަދު 400،460،000 ރުފިޔާ އަށް އަރާ ކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ. އަދި ޖޫރިމަނާކުރި މީހުންގެ ތެރެއިން އެކަކުގެ ޖޫރިމަނާ 72.1 މިލިއަނަށް އަރާކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.
ވޭޕް އެތެރެކޮށްގެން މިހާ ބޮޑު ޖޫރިމަނާއެއް އެރިނަމަވެސް އެ ފައިސާއިން މިހާތަނަށް ލިބުނީ ކިހާވަރެއްކަން ސާފެއް ނުވެއެވެ. ކަސްޓަމްސްއިން މަޖިލީހުގެ ކޮމެޓީގައި ވާހަކަ ދައްކަމުން ބުނެފައިވަނީ ވޭޕް އެތެރެކުރުމާއި ބޭނުންކުރުމުން ކުރާ ޖޫރިމަނާގެ ފައިސާ ލިބިދާނެކަމަށް ގަބޫލު ނުކުރެވޭކަމަށެވެ.
އަހަރުގެ 15 ޑިސެމްބަރުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ރާއްޖޭގައި ވޭޕް ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ވޭޕް ބޭނުންކުރާ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ވެސް ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވޭޕް ވިއްކުމުގެ މައްސަލަތަކުގައި 20،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ އެވެ.
ވޭޕްއާއި ސިނގިރޭޓް މަނާކުރުމުން އެތަކެތި ވަގަށް އެތެރެކުރާ މިންވަރު އަންނަނީ އިތުރު ވަމުންނެވެ.