
ޖަލުތަކުގައި ތިބޭ ގައިދީންނަށް އެލަވަންސް ލިބޭ ގޮތަށް އެމީހުން ލައްވާ ކުނިކެހުމާއި، ފޮޅާ ސާފުކުރުމާއި، ކަރަންޓު މަސައްކަތްތަކާއި ކޮންސްޓްރަކްޝަން ކުރަމުން އާދައެވެ.
ގައިދީން ކުރާ މަސައްކަތަށްދޭ އެލަވަންސްއެއް ދޭން ފެށީ 2000 ވަނަ އަހަރުއެވެ. އޭރު އެލަވަންސެއްގެ ގޮތުގައި ހަމަޖެއްސީ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް ގައިދީއަކަށް 30 ރުފިޔާ ދޭ ގޮތަށެވެ.
މި އެލަވަންސް ދޭން ފެށިތާ 25 އަހަރު ފަހުން މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ކަރެކްޝަނުން ވަނީ މި އެލަވަންސް ބޮޑުކޮށްފައެވެ. އެގޮތުން މިހާރު އެލަވަންސް ދެނީ ދުވާލަކަށް ދޭ އެންމެ ދަށް އަދަދުގެ ގޮތުގައި 50 ރުފިޔާއެވެ.
އެލަވަންސަށް ގެނައި ބަދަލާއި އެކު މިހާރު އެލަވަންސް ދެނީ އެކި ބާވަތުގެ މަސައްކަތަށް ބަލައި އަށް ގްރޭޑެއް ކަނޑައަޅައިގެންނެވެ. އެގޮތުން ދުވާލަކަށް ދޭ 50 ރުފިޔާއަކީ އެންމެ ދަށް ގްރޭޑް، ގްރޭޑް އެކަކަށް ދޭ މިންވަރެވެ.
މި މިންގަނޑު ކޮންމެ ގްރޭޑަކަށް 10 ރުފިޔާ ބޮޑުވާނެ އެވެ. އެހެންކަމުން އެންމެ މަތީ ގްރޭޑްގެ ގޮތުގައި ކަނޑައަޅާފައިވާ ގްރޭޑް 8 އަކަށް ދުވާލަކަށް 120 ރުފިޔާ ލިބޭނެއެވެ.