
މި ކުރިން ދާއިމީ ބައްޔެއް ކަމަށް ބެލެވުނު ޕީ.ސީ.އޯ.އެސް އަށް މިހާރު ފަރުވާ ކުރެވެނީ، މައިގަނޑު ސަބަބުތައް ކަމަށްވާ އިންސޫލިން ހަށިގަނޑަށް ނުގުޅުމާއި ދުޅަވުމަށް ސަމާލުކަންދީ، ބޭސް ބޭނުންނުކޮށް ކުރާ ފަރުވާގެ އުކުޅުތަކުންނެވެ. މި ބަލީގެ އާންމު އަލާމާތްތަކުގެ ތެރޭގައި މައްސަރު ކަންތަކާއި ގައިން ބިހި ނެގުން، ބަރުދަން އިތުރުވުން، އިސްތަށި ފޭބުން، އަދި ދަރިމައިވުމުގައި ދިމާވާ ދަތިތައް ހިމެނެއެވެ.
ނަސްލު އުފެއްދުމާބެހޭ އެންޑޮކްރިނޮލޮޖިސްޓެއް ކަމަށްވާ ޑރ. ނެހާ ވާރްމާ ވިދާޅުވީ، ސާފު ކެއުން، ގަވައިދުން ހަރަކާތްތެރިވުން، އަދި ސްޓްރެސް ކުޑަކުރުން ފަދަ ސިއްހީ އާދަތައް ދިރިއުޅުމުގެ ބަޔަކަށް ހަދާ އަންހެނުންނަށް، މައްސަރު ކަންތައް ގަވައިދަށް އައިސް، ހަންގަނޑު ރަނގަޅުވެ، އަދި ކާމިޔާބުކަމާއެކު ދަރިމައިވެފައިވާކަން ފެންނަ ކަމަށެވެ.
ހަމަ އެއާއެކު މިކަމުން ސަލާމަތް ވުމަށް އަމިއްލަ އަކަށް ކުރެވިދާނެ ކަންތައްތައް ވެސް ވަނީ ހިއްސާ ކޮށްފައެވެ. އެގޮތުން ފައިބަރާއި، މަދު ސަރުބީ ހިމެނޭ ޕްރޮޓީނާއި، ސިއްހަތަށް ފައިދާހުރި ސަރުބީ ގިނައިން ހިމެނޭ ގްލައިސެމިކް އިންޑެކްސް ދަށް ކާނާގެ ރެގިއުލަރ ޑައިޓެއް ބޭނުންކުރުމާއި، ހަފުތާއަކު މަދުވެގެން ފަސް ދުވަހު 30 މިނިޓު ކަސްރަތު ކުރުން އަދި އަށް ގަޑި އިރުގެ ނިދި ހަމަކުރުމާއއި އެކު ޔޯގާ ނުވަތަ ކަސްރަތު ފަދަ ސްޓްރެސް ކޮންޓްރޯލް ކުރުމުގެ އުކުޅުތައް ބޭނުންކުރުން ހިމެނެއެވެ.
އާންމު ކްލިނިކަލް ދިރާސާތަކުން ދައްކާ ގޮތުގައި، ޕީ.ސީ.އޯ.އެސް ހުންނަ އަންހެނުންގެ ހަށިގަނޑުން އެންމެ 5-10 އިންސައްތަ ބަރުދަން ލުއިވުމަކީވެސް، ބަލީގެ އަލާމާތްތައް ވަރަށް ބޮޑަށް ރަނގަޅުވެ، ހޯރްމޯނުތައް ހަމަޔަށް ހުރުމަށް އެހީތެރިވެދޭ ކަމެކެވެ.
ސިއްހީ ޖަމިއްޔާތަކުން މިހާރު ލަފާދެނީ، ބޭސް ބޭނުންކުރުމުގެ ކުރިން ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްގެން ފަރުވާ ފަށާށެވެ. ޑރ. ވާރްމާ އިތުރަށް ވިދާޅުވީ، ޕީ.ސީ.އޯ.އެސްއަކީ ފަސޭހަ ނުކުރެވޭ ބައްޔެއް ނަމަވެސް، ވަރަށް ފަސޭހައިން ކޮންޓްރޯލް ކުރެވޭ ބައްޔެއް ކަމަށެވެ. އަދި އަންހެނުން ހަމައެކަނި ބޭހަށް ބަރޯސާވާކަށް ނުޖެހޭ ކަމަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމަކީ އެމީހުންގެ ދިރިއުޅުމުގެ މަގު އެއްކޮށް ބަދަލުކޮށްލެވިދާނެ ކަމެއް ކަމަށެވެ.
މިކަމުގެ ހޭލުންތެރިކަން އިތުރުވަމުން އަންނައިރު، ގިނަ އަދަދެއްގެ އަންހެނުން މިވަނީ، ކޮންމެ ދުވަހަކު އެއް އާދައެއް ހެޔޮ ގޮތަށް ބަދަލުކޮށް، އެމީހުންގެ ހަށިގަނޑުގެ ކޮންޓްރޯލް އަނބުރާ ހޯދަން ފަށާފައެވެ.