ކ. ހުރާ ބަނދަރުގައި އެ ރަށު ކައުންސިލުން ބަހައްޓާފައިހުރި މޮނިއުމެންޓް ބަޔަކު ހަލާކުކޮށްލައިފި އެވެ.

Advertisement
ޓޫރިސްޓުންގެ މެދުގައި "ކްރެބް އައިލެންޑް" ގެ ގޮތުގައި މަޝްހޫރުވެފައިވާ ހުރާގެ ބަނދަރުމަތީގައި ބެހެއްޓި މޮނިއުމަންޓުގައި އެ ރަށުގެ ނަމާ އެކު، ހަރުކޮށްފައި ހުރީ ރަތް ކަކުންޏަކާއި މާކަނަ އެކެވެ.
ހުރާ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ފައިބަރުން ހަދާފައިވާ މޮނިއުމަންޓުގެ ބައެއް ތަންތަނަށް ގެއްލުންދީ، އިއްޔެ ރޭ ދަންވަރު ހަލާކު ކޮށްލާފައިވާ އެވެ.
"މި އަމަލު މި ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި މި އަމަލު ހިންގި ފަރާތެއް ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން ކުރަމުންދަނީ." ހުރާ ކައުންސިލުގެ ބަޔާނުގައި ވެއެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި މޮނިއުމަންޓުގައި ހަރުކޮށްފައިވާ މާކަނަ އަށް ގެއްލުން ދީފައި ވަނީ ދަގަނޑެއް ފަދަ އެއްޗަކުންނެވެ.
ގާތްގަނޑަކަށް 1،500 އެއްހާ މީހުން ދިރިއުޅޭ ހުރާއަކީ ގިނަ އަދަދެއްގެ ފަތުރުވެރިން އަދި ދިވެހިން ވެސް ޗުއްޓީ ހޭދަކުރަން ދާ ރަށެކެވެ. އެ ރަށުގައި ގިނަ އަދަދެއްގެ ގެސްޓުހައުސްތައް ވެސް ހުރެ އެވެ.