
ފިނޭސް މިނިސްޓްރީގެ ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މި މުއްދަތުގައި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވަނީ 21.9 ބިލިއަން ރުފިޔާއެވެ. ދައުލަތުގެ ހަރަދުތައް މިފަދަ ބޮޑު މިންވަރަކަށް ދަށްވުމުގެ ސަބަބުން، ބަޖެޓުގެ އޯވަރއޯލް ބެލެންސް 314.3 މިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައި ދެމެހެއްޓިފައިވާކަން ރިޕޯޓުން ދައްކައެވެ.
ދައުލަތުގެ ރިކަރަންޓް ހަރަދުތައް 2.2 ޕަސަންޓަށް ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދުތައް ވަނީ 60.8 ޕަސަންޓަށް ދަށްވެފައެވެ. ރިކަރަންޓް ހަރަދުގެ ތެރެއިން، އޮފީސްތަކުގެ އިދާރީ ހިންގުމަށް ކޮށްފައިވާ ހަރަދު 7.3 ޕަސަންޓަށް ދަށްވެފައިވާއިރު، އޮފީސް ހިންގުމަށް ހޯދާ ތަކެތީގެ ހަރަދު 20.0 ޕަސަންޓަށް ދަށްވެފައިވެއެވެ. އަދި މަރާމާތުކުރުމާއި މެއިންޓެނަންސްގެ ހަރަދުވަނީ 20.1 ޕަސަންޓަށް ދަށްވެފައެވެ. މީގެ އިތުރުން، ދައުލަތުގެ ދަތުރުފަތުރުގެ ހަރަދުތައް 5.1 ޕަސަންޓަށް ދަށްވެފައިވާއިރު، ސަބްސިޑީތަކަށް ކުރާ ހަރަދުވެސް ވަނީ 10.7 ޕަސަންޓަށް ދަށްވެފައެވެ.
މިއަހަރުގެ ފުރަތަމަ ހަތް މަހު ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 2.7 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް 2.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މި އަހަރު ބަޖެޓުކޮށްފައިވާ 12.4 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހަރަދުކޮށްފައިވަނީ 3.4 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 2.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ހިންގޭ މަޝްރޫއުތަކަށެވެ. ކުރީ އަހަރުގެ މި މުއްދަތުގައި، ޕީއެސްއައިޕީ ހަރަދުގެ ބޮޑު ބައެއް ބިން ހިއްކުމާއި މަގު ހެދުމަށް ދިޔައިރު، މި އަހަރު ޕީއެސްއައިޕީއާ ގުޅޭ ސިޔާސަތުތައް ހަރުދަނާކުރުމުގެ ސަބަބުން ދައުލަތުގެ ޖުމުލަ ހަރަދު ކުޑަކުރެވިފައިވާކަން ފާހަގަކުރެވެއެވެ.