
މި ޕާޓްނަރޝިޕްގެ މަގްސަދަކީ މަހުގެ ބާވަތްތައް ރެކޯޑްކުރުމާއި މުރަކައިގެ ސިއްހަތު ދެނެގަތުމާއި ފަރުގެ ބަޔޯޑައިވާސިޓީ ދެނެގަތުން ކަމަށް އުރީދޫއިން ބުންޏެވެ.
މިގޮތުން 2023 ވަނަ އަހަރު އުފެދުނު ސްޓްރީމް ފައުންޑޭޝަނާއި އުރީދޫ ގުޅިގެން، މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްގެ ކޮރަލް ރީފް ރިސްޓޯރޭޝަން އިނީޝިއޭޓިވް ފުޅަދޫ ކައިރީގައި ކުރިއަށް ގެންދަނީއެވެ. އުރީދޫގެ ފާސްޓް ކަނެކްޓިވިޓީގެ އެހީގައި، ކަނޑުގެ ދުރު ހިސާބުތަކުގައި ވެސް، އެޑްވާންސް މޮނިޓަރިން ސިސްޓަމް ހިންގަން ފެށުމަށްފަހު 2024 ވަނަ އަހަރު 15،728 މަސް ރެކޯޑްކޮށްފައިވެއެވެ. އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 43 މަސް ފެނިފައިވާއިރު، އެންމެ ގިނައިން މަހުގެ ބާވަތްތައް ފެނިފައިވަނީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު 402 މަސް ފެނިފައިވުމުންނެވެ.
އުރީދޫ ރާއްޖެގެ ސީއީއޯ ހާލިދް އަލް ހަމާދީ ވިދާޅުވީ، މިއީ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުމަށާއި، ޓެކްނޮލޮޖީގެ ބޭނުން ހިފައި ހެޔޮ ބަދަލުތަކެއް ގެނައުމަށާއި ކަނޑުގެ ބަޔޯޑައިވާސިޓީ ހިމާޔަތްކުރުމަށް އުރީދޫ ރާއްޖެއިން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. މި ޕާޓްނަރޝިޕްގެ ތިންވަނަ އަހަރު ފަށާއިރު، އުރީދޫ ރާއްޖެ، ސްޓްރީމް ފައުންޑޭޝަން އަދި މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން ދަނީ މި މެރިން މޮނިޓަރިންގ ޓެކްނޮލޮޖީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު މުރަކަ ފަރުތަކާއި މެރިން އިކޯސިސްޓަމްތަކަށް ފުޅާކުރެވޭނެ ގޮތްތައް ބަލަމުންނެވެ.