
ހޮޓެލް އަޅަން ޝައުގުވެރިވާ ކުންފުނިތަކުން ހައްޖު ކޯޕަރޭޝަނުގައި އޯގަސްޓު 13، ގެ ކުރިން ރަޖިސްޓްރީ ކުރަންޖެހެ އެވެ. ރަޖިސްޓްރީ ކުރެވޭނީ 30،000 ރުފިޔާ ނުވަތަ 2000 އެމެރިކާ ޑޮލަރު ދެއްކުމުންނެވެ.
އޭގެ އިތުރުން، ޕްރޮޖެކްޓަށް ބިޑު ކުރާ ނަމަ، ބިޑު ސެކިއުރިޓީގެ ގޮތުގައި ވެސް 800،000 ރުފިޔާ ބަހައްޓަންޖެހެ އެވެ. ބިޑާ ގުޅޭ ޑޮކިއުމެންޓު ލިބޭނީ ރަޖިސްޓްރޭޝަން ފީ ދެއްކުމުންނެވެ.
ބީލަމަށް ޝައުގުވެރިވާ ފަރާތްތަކުން ހައްޖު ކޯޕަރޭޝަން ލިމިޓެޑްގައި ރަޖިސްޓްރީ ވާންޖެހޭނެ އެވެ. ރަޖިސްޓްރީވުމުގެ މުއްދަތަކީ މިއަދުން ފެށިގެން އޮގަސްޓު 13 ގެ ހެނދުނު 15:00 ގެ ކުރިންނެވެ. ރަޖިސްޓްރީވުމަށް އޮންލައިން ފޯމެއް މެދުވެރިކޮށް މައުލޫމާތު ފުރިހަމަ ކުރަން ޖެހެ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި ހޮޓާ އަޅާނީ "މާފުށީ އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑް" (އެމްއައިޓީ) ގެ ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ.
އެމްއައިޓީއަކީ ހައްޖު ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ.
މާފުށީގައި ހޮޓަލެއް އެޅުމުގެ އިތުރުން، އޮފީސް އިމާރާތަކާއި ރެޒިޑެންޝަލް އިމާރާތެއް އަޅަންވެގެން ހައްޖު ކޯޕަރޭޝަނުން ވަނީ ހުޅުމާލެއިން ދެ ބިން ގަނެފަ އެވެ. އެ ދެ ބިން ގަތީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. އެ ދެ ބިން ވެސް ގަނެފައި ވަނީ ހައްޖަށް ދާން މީހުން ދައްކާފައިވާ ފައިސާއިންނެވެ.