ads
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
ދައުލަތުގެ ދަރަނީގެ ހާލަތުގެ ބަހުސަކަށް ފައްޔާޒުގެ ދައުވަތު މި ސަރުކާރުގެ ދެ ވަޒީރަކަށް!
ދައުލަތުގެ ދަރަނީގެ ބަހުސްކުރަން އިކޮނޮމިކް މިނިސްޓަރު މުހަައްމަދު ސައީދާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް އެމްޑީޕީގެ ޗެއާޕަސަން ފައްޔާޒް އިސްމާއިލް ރޭ ދައުވަތު ދެއްވައިފި އެވެ.
Advertisement

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށް ނުދީ، ރައްޔިތުންގެ ޕްރެޝަރު ބޮޑުވާ ކޮންމެ ފަހަރަކު، އޮޅުވައިލުމުގެ ބޭނުމުގައި އެމްޑީޕީ ސަރުކާރާ ގުޅުވައި ވާހަކަތައް ދައްކަމުންދާ ކަމަށެވެ.

"އަޅުގަނޑު މިއަދުގެ އިކޮނޮމިކް މިނިސްޓަރަށް އަދި މާލީ ވަޒީރަށް މި ގޮވާލަނީ މުޅި ދިވެހިރާއްޖޭގެ ރައްޔިތުންގެ ކުރިމައްޗަށް ވަޑައިގެން، އަޅުގަނޑާއި އަޅުގަނޑުމެންގެ ކުރީގެ ފައިނޭންސް މިނިސްޓަރާ އެކީ ދަރަނީގެ ވާހަކަ ވަރަށް ރަނގަޅަށް ދައްކާލަން ވަޑައިގަންނަވާށޭ،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ސައީދާއި ޒަމީރު ބޭނުންވާ ދުވަހަކު، ބޭނުންވާ ގަޑިއަކު އަދި ބޭނުންވާ އެޑްވައިޒަރުންނަކާ އެކު ދަރަންޏާއި ކޮރަޕްޝަނާއި ބެހޭ ގޮތުން އެ ބަހުސް ބޭއްވުމުގެ އިންތިޒާމު އެމްޑީޕީން ހަމަޖައްސަން ކުރިއަށް އޮތް ދުވަސްތަކުގައި ދައުވަތު އަރުވާނެ ކަމަށެވެ. 

ރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަމުން މިނިސްޓަރު ސައީދު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި ކުރީ ސަރުކާރުން ފައިސާ ޗާޕުކުރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓި ގައުމު ދަރަނިވެރިވެފައިވާ ކަމަށެވެ. އަދި އިގްތިސާދީ ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ ނިމިދިޔަ އެމްޑީޕީ ސަރުކާރަށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

"ރާއްޖެ 40 އަހަރުން އުފެއްދި ނޫނިއްޔާ 50 އަހަރުން އުފެއްދި ދަރަންޏަށް ވުރެ ބޮޑޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ [ސަރުކާރުގެ] ފަސް އަހަރުން އުފެއްދި ދަރަނި،" ސައީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވީ، އެ ވެރިކަން ނިންމައިލިއިރު ދައުލަތުގެ ރިޒާވްގައި އެއް ބިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ. އަދި ޔާމީންގެ ވެރިކަން 2018 އަށް ނިންމައިލިއިރު، ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި 250 މިލިއަން ޑޮލަރު ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއާގެ މަރުކަޒީ ބޭންކު، ރިޒާވް ބޭންކު އޮފް އިންޑިއާ (އާރުބީއައި) އިން ނެގި ކަރަންސީ ސްވޮޕް ފެސިލިޓީއާ އެކީ މި އަހަރުގެ ތެރޭގައި ރާއްޖެއިން ދައްކަން ޖެހޭ ދަރަނި ބިލިއަން ޑޮލަރު (15.4 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. އަދި އަންނަ އަހަރު ވެސް ރާއްޖެއިން ބިލިއަނަކަށްވުރެ ގިނަ ޑޮލަރު ދަރަނީގެ ގޮތުގައި އަދާކުރަން ޖެހެ އެވެ.

މި ސަރުކާރު ވެރިކަމަށް އައިތާ ދޮޅު އަހަރު ވެފައިވާއިރު، ހިނގަ ހިނގާ އޮތް ގިނަ މަޝްރޫއުތައް ވެސް ވަނީ ހުައްޓާލައިފަ އެވެ. މީގެއިތުރުން މި ސަރުކާރުގެ އަމިއްލަ ތަރައްގީގެ މަޝްރޫއުތައް ހިންގޭ މަންޒަރެއް މިހާތަނަށް ފެނިގެނެއް ނުދެ އެވެ. އޭގެ ތެރޭގައި ސަރުކާރުން އެންމެ ބޮޑު ވައުދެއްވީ ބޯހިޔާވެހިކަމުގެ މަޝްރޫއުތައް ދޮޅު އަހަރުވީއިރު ވެސް އެދެވޭ ބާރު މިނެއްގައި ނުހިނގަ އެވެ. ހުރިހާ ވެސް މައްސަލައަކީ އިގްތިސޯދުގައި ހަކަތަ ނެތުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް