
އިސްރާއިލްގެ ސަލާމަތީ ކެބިނެޓުން ވަނީ، ގާޒާ ފަތަހަ ކުރުމަށް އިސްރާއިލްގެ ބޮޑުވަޒީރު ބެންޖިން ނަތަންޔާހޫ ހުށަހަޅާފައިވާ ޕްލޭން ފާސްކޮށްފަ އެވެ. ގާޒާގައި ތިބި އާންމު ރައްޔިތުން ގަދަބާރުން، ގާޒާގެ މެދުތެރޭ ސަރަހައްދުތަކުގެ ކޭމްޕުތަކަކަށް ބަދަލުކުރަން ވެސް ވަނީ ނިންމާފަ އެވެ.
މިކަމާއި ދެކޮޅަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މުޅި ގާޒާގެ ހިންގުން ފުރިހަމަ ބާރުގެ ދަށަށް ގެންދަން ނިންމަން އުޅޭކަމަށް އިސްރާއީލުން ހާމަކުރުމަކީ ބައިނަލްއަގްވާމީ ގާނޫނާ މުޅިން ހިލާފު ކަމެއް ކަމަށެވެ. އަދި ފަލަސްތީނުގެ އަމިއްލަ ވެރިކަން ހިންގުމަށް އެޅޭ ހުރަހެއްކަމަށާއި ފަލަސްތީނުގެ ސިޔާދަތީ ބާރަށް އަރައިގަތުން ކަމުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އަދި ބައިނަލްއަގްވާމީ މުޖުތަމައުއަށް އިސްރާއީލުގެ މި ނިންމުން ތަންފީޒު ކުރަން ހުއްޓުވުމަށް އިސްރާއީލަށް މަޖުބޫރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލައްވާފަ އެވެ. އަދި އިސްރާއީލުން ފަލަސްތީނުގައި ހިންގާ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓުވައި، އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުމަށްވެސް ގޮވާލާފައި ވެއެވެ.
ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް، ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ވެސް ނުދާހާ ގޯސް ދަރަޖަކަށް ގޮސްފައިވާ ކަމަށް ދާދިފަހުން އދ. އިން ވެސް ބުނެފައިވެ އެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ވަނީ ގާޒާގައި މިހާަތަނަށް 62،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ގާޒާގެ އެކި ސަރަޙައްދުތަކުގައި ފަލަސްތީނުގެ 100 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފަ އެވެ.
އިޒްރޭލުން ކަންކުރާ ގޮތުން ގާޒާގެ ބޮޑު ސަރަހައްދަކަށް ހައިހޫނުކަން އާންމުވެފައި ވާތީ އެހީ ފޯރުކޮށްދެވޭނެ ގޮތް ވަގުތުން ހަމަޖެއްސުމަށް 100 އަށް ވުރެ ގިނަ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ. އެކަމަކު އިޒްރޭލުން ބުނީ އެ ހައިހޫނުކަމަކީ ހަމާސްގެ އުފެއްދުމެއް ކަމަށެވެ.