
ޣައްޒާ ސިޓީ އިޒްރޭލު އަސްކަރިއްޔާގެ ދަށަށް ގެންދިއުމުގެ ޕްލޭން ފާސްކުރުމާ އެކު ޖަރުމަނުން މި ފިޔަވަޅު އެޅި އިރު ޖަރުމަނަކީ އިޒްރޭލަށް އެންމެ ބޮޑަށް ތާއީދުކޮށް ދިފާއުކޮށްދޭ ގައުމުތަކުގެ ތެރޭގައި އަބަދުވެސް އޮންނަ ގައުމެކެވެ. އެހެންވެ މި ނިންމުން ބެލެވިފައިވަނީ ޖަރުމަނުގެ ސިޔާސަތަށް އައި ބޮޑު ބަދަލަކަށެވެ.
ޗާންސެލަރު މާޒް ވަނީ ގާޒާގެ ރައްޔިތުންގެ ހާލާ މެދު ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އިސްރާއީލުން ހަނގުރާމަ ކުރަނީ އަމިއްލަ ދިފާއުގައި ކަމަށް ބުނެ އިސްރާއީލު އަބަދުވެސް އެންމެ ބޮޑަށް ދިފާއުކޮށްދޭ ގައުމުތަކުގެ ތެރޭގައި ޖަރުމަނު ހިމެނެ އެވެ. ނަމަވެސް މިހާރު މި ފިޔަވަޅު އެޅީ ޣައްޒާގެ އާންމުންގެ ހާލަތު ގޯހުން ގޯހަށް ގޮސް އެކަމަށް ފިޔަވަޅެއް ނާޅާ ދޫކޮށްލެވެން ނެތުމުން ކަމަށް ވެސް މާޒް ވިދާޅުވި އެވެ.
ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް އިންސްޓިޓިއުޓުން ބުނީ 2019ވަނަ އަހަރާއި 2023ވަަނަ އަހަރާ ދެމެދު ޔަހޫދީން އެތެރެކުރި ހަތިޔާރުގެ 30 އިންސައްތަ ފޯރުކޮށްދީފައި ވަނީ ޖަރުމަނުވިލާތުން ކަމަށެވެ. އޭގެ ތެރޭގައި ހަނގުރާމަމަތީ މަނަވަރުތައް ވެސް ހިމެނެ އެވެ. ގާޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް ޔަހޫދީން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މި ހަތިޔާރުތައް ބޭނުންކުރެ އެވެ.
ޖަރުމަނުގެ އެ ނިންމުމާ އެކު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މިއީ "ހަމާސް އަށް ދިން އިނާމެއް" ކަމަށް ސިފަކޮށްފަ އެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ވަނީ ގާޒާގައި މިހާަތަނަށް 62،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ގާޒާގެ އެކި ސަރަޙައްދުތަކުގައި ފަލަސްތީނުގެ 100 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފަ އެވެ.
އިޒްރޭލުން ކަންކުރާ ގޮތުން ގާޒާގެ ބޮޑު ސަރަހައްދަކަށް ހައިހޫނުކަން އާންމުވެފައި ވާތީ އެހީ ފޯރުކޮށްދެވޭނެ ގޮތް ވަގުތުން ހަމަޖެއްސުމަށް 100 އަށް ވުރެ ގިނަ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ. އެކަމަކު އިޒްރޭލުން ބުނީ އެ ހައިހޫނުކަމަކީ ހަމާސްގެ އުފެއްދުމެއް ކަމަށެވެ.
ހަމާސްއިން ބުނާ ގޮތުގައި އެ ޕްލޭނަކީ "ހަނގުރާމައިގެ ޖަރީމާއެއް" ކަމަށާއި، ގާޒާ ހިފުމަށް ނަތަންޔާހޫ ރާވާފައިވާ ކަންކަމުން އެނގެނީ އޭނާގެ އަމާޒަކީ އޭނާގެ އަމިއްލަ މަސްލަހަތަށް ހިދުމަތް ކުރުމަށްޓަކައި އިސްރާއީލުގެ އަސީރުން ގުރުބާން ކުރުން ކަމަށް ހަމާސްއިން ބުނެއެވެ.
ގާޒާ ހިފުމުގެ ޕްލޭން ފާސްކޮށްފައި ވަނީ އިންސާނީ ހާލަތު ގޯސްވުމުން ބައިނަލްއަގްވާމީ މުޖުތަމައުގެ ފާޑުކިޔުން އިސްރާއީލަށް ވަރަށް ބޮޑަށް އަމާޒުވެ، ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.