ނ. ހޮޅުދޫގެ ގުދަނެއްގައި މަރުވެފައި ފެނުނު ޒަކިއްޔާ މޫސާގެ މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާކަން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ފާހަގަކޮށް، ފުލުހުންގެ މައްޗަށް ދައުވާކުރުމާމެދު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން މަޝްވަރާކުރަން ފަށައިފިއެވެ.

Advertisement
އެންއައިސީން ފުލުހުންނަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލު ހިންގުމާއި، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމާއި، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމާއި، ގާނޫނު ހިންގުމަށް ހުރަސްއެޅުން ހިމެނެއެވެ.
ޕީޖީ އޮފީހުން މިއަދު މީޑިއާތަކަށް ހާމަކުރިގޮތުގައި، 50 އަހަރުގެ ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުން އަމަލުކުރިގޮތް ބެލުމަށްފަހު އެންއައިސީން ވަނީ އެކި ތުހުމަތުތަކެއް ކޮށްފައެވެ.
"މިހާރު މި މައްސަލަ އޮތީ ދައުވާކުރުމާމެދު ގޮތެއް ނިންމުމުގެ މަރުހަލާގައި،" ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ޒަކިއްޔާގެ އާއިލާއިން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށާއި، އެ އިހުމާލުތައް ފޮރުވަން މަސައްކަތްކުރި ކަމަށެވެ. އަދި ފުލުހުން މަސައްކަތް ކުރަމުންދަނީ ޒަކިއްޔާ މަރުވީ އަމިއްލައަށް ކަމަށް ރައްޔިތުންނަށް ވިސްނައިދިނުމަށް ކަމަށް އާއިލާއިން ތުހުމަތުކުރެއެވެ.
މިދިޔަ 2024 ސެޕްޓެމްބަރު 10 ވަނަ ދުވަހު ޒަކިއްޔާގެ މަރުވެފައި އޮއްވައި ފެނުނުއިރު، އެ ދުވަހު ފުލުހުންގެ ހާއްސަ ޓީމެއް ހޮޅުދޫއަށް ދިޔައެވެ. ނަމަވެސް ޒަކިއްޔާގެ އޮޓޮޕްސީއެއް ނުހަދާކަން ފާހަގަކުރެވެއެވެ.
ފެބްރުއަރީ މަހު ހޮޅުދޫގައި ބޭއްވުނު ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު ވަނީ ޒަކިއްޔާގެ އޮޓޮޕްސީ ނުހެދުމަކީ ތަހުގީގު މަރުހަލާގައި ހެދުނު ގޯހެއް ކަމަށް އިއުތިރާފުވެވަޑައިގެންފައެވެ.
މައްސަލައިގެ ބޮޑުކަމާއެކު މިއަހަރު ޖެނުއަރީ ގައި މި މައްސަލައިގެ ތަހުގީގަށް އެފްބީއައިގެ އެހީއަށް ވެސް އެދިފައިވެއެވެ.