ads
ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސި ހައިކޮމިޝަންގެ ފަރާތުން ރަމްޒީ ގޮތެއްގައި އެހީ ހަވާލުކޮށްދެއްވަނީ
އިނގިރޭސި ވިލާތުން އެމްއޭސީއެލްއަށް ފަސްޓްއެއިޑް ޓްރެއިނިން އެކުއިޕްމަންޓު ހަދިޔާކޮށްފި
އިނގިރޭސި ވިލާތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ފަސްޓްއެއިޑް ޓްރެއިނިން އެކުއިޕްމަންޓު ހަދިޔާކޮށްފިއެވެ.
Advertisement

މި ތަކެތި ހަވާލުކުރުމަށް އެމްއޭސީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސި ހައިކޮމިޝަންގެ ފަރާތުން ރަމްޒީ ގޮތެއްގައި އެހީ ހަވާލުކޮށްދެއްވީ އެކްޓިން ހައިކޮމިޝަނަރު މުހައްމަދު ތައުފީގު ވައްހާބެވެ. އެމްއޭސީއެލްގެ ފަރާތުން އެހީގެ ރަމްޒީ ފިލައާ ހަވާލުވެވަޑައިގަތީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބުރާހިމް ޝަރީފު މުހައްމަދެވެ.

އެކްޓިން ހައިކޮމިޝަނަރު ވައްހާބު ވިދާޅުވީ މި ތަކެތީގެ ސަބަބުން އެމްއޭސީއެލްގެ ފުރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ބޭނުންވާ ވަސީލަތްތަކާއެކު، އެކަމަށް ތައްޔާރަށް ތިބި މުވައްޒަފުންކަން ކަށަވަރުވެގެންދާނެ ކަމަށެވެ. އަދި މިއީ އެމްއޭސީއެލާއެކު އޮންނަ ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އިނގިރޭސި ވިލާތުގެ ސަރުކާރުން ބޭރު ގައުމުތަކުގައި އުޅޭ އިނގިރޭސި ވިލާތުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަމެއްކަމަށް ފާހަގަކުރެއްވި ވައްހާބު، މި ތަކެތީގެ ސަބަބުން ރާއްޖެއަށް ކޮންމެ އަހަރަކު އަންނަ އެތައް ސަތޭކަ އިނގިރޭސި ވިލާތުގެ ޓޫރިސްޓުންގެ ރައްކާތެރިކަން ކަށަވަރުކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމްއޭސީއެލްގެ ސީއީއޯ ޝަރީފު މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ، އެމްއޭސީއެލްއަކީ ރާއްޖޭގެ އިގުތިސާދުގެ މައި ދޮރޯށި ބަލަހައްޓާ ކުންފުނި ކަމަށްވާއިރު، ރާއްޖެއާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ވަރުގަދަ އުސޫލުތަކާއި ގަވާއިދުތައް އެ ކުންފުނީގައި ކަނޑައަޅައި ތަންފީޒުކުރަމުން އަންނަ ކަމަށެވެ.

އިނގިރޭސި ހައިކޮމިޝަނުން އެމްއޭސީއެލްއަށް ހަދިޔާކުރި މި ތަކެއްޗަކީ ރާއްޖޭގެ ރައްޔިތުން ކުއްލި ހާލަތްތަކަށް ތައްޔާރުކޮށް، އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި އިނގިރޭސި ވިލާތުގެ ސަރުކާރުން ހިންގަމުން އަންނަ ޕުރޮޓެކްޓިވް ސެކިއުރިޓީ އެންޑު އެޓޭކު ރެސްޕޮންސު ޕުރޮގުރާމުގެ ދަށުން ހަދިޔާކުރި ތަކެތި ކަމަށް އެމްއޭސީއެލުން ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް