ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަކީ ރާއްޖޭގެ އިލްމުވެރިންނާއި ރައްޔިތުންގެ ބަސް އަހާ ވެރިއެއް ކަމަށް ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.
                            
                            
                            
                               
                               
Advertisement
 
                             ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަކީ ރާއްޖޭގެ އިލްމުވެރިންނާއި ރައްޔިތުންގެ ބަސް އަހާ ވެރިއެއް ކަމަށް ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.
އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލާދީނީ އަނދިރި ފަރާތްތަކުގެ އިންޒާރެއް ބެލުމެއްނެތި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ރަސްމީކޮށް އުވާލުމުން ރައީސުލްޖުމްހޫރިއްޔާ އަކީ އިލްމުވެރިންނާއި ރައްޔިތުންގެ ބަސް އަހާ ވެރިއެއް ކަން އެނގިގެން ހިނގައްޖެ ކަމަށެވެ. 
އިލްޔާސް މިފަދައިން ޓްވީޓެއް ކުރައްވާފައި މިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) ރަސްމީކޮށް އުވާލާފައިވާކަން ޔޫތު މިނިސްޓްރީން ހާމަކުރައްވައިފިވާ ވަގުތެއްގައެވެ. އެކަން ހާމަކޮށް އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީއެން އުވާލުމަށް ރެޖިސްޓްރާ އޮފް އެންޖީއޯސް ނިންމުމާއި ގުޅިގެން ޖަމިއްޔާތަކާބެހޭ ގަވާއިދުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޖަމިއްޔާގެ މުދަލާއި، ދަރަންޏާއި އަދި ޖަމިއްޔާއާ ގުޅޭ އެންމެހާ މައްސަލަތައް ނިންމުމަށްޓަކައި މިދިޔަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ފުރުސަތު ދެވިފައިވާ ކަމަށެވެ.
އެމްޑީއެން އުވާލުމަށް ނިންމީ އިސްލާމްދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓަކާ ގުޅިގެން ފުލުހުން ކުރި ތަހުގީގަށްފަހު ދީފައިވާ މައުލޫމާތުތަކަށް ބެލުމަށްފަހުގައި ކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި އެމްޑީއެންގެ ރިޕޯޓުގައި ވަނީ ދީނަށް ފާޑުކިޔައި، ތައުހީނުކޮށް ފުރައްސާރަ ކޮށްފައެވެ. އެމްޑީއެންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެ ރިޕޯޓު ލިޔުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ފުލުހަށް ހާޒިރުވާން ވަނީ ޗިޓު ހަވާލުކޮށްފައެވެ.
ނަމަވެސް މިކަމުގައި އަމަލީ ގޮތުން ބައިވެރިވި އިސް މީހުން މިވަގުތު ތިބީ ރާއްޖެ އިން ބޭރުގައެވެ. ފުލުހުން ޗިޓު ހަވާލުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެމްޑީއެންގެ ރައީސް ޝަހިންދާ އިސްމާއިލް އާއި އެ ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވާ އަޒްރާ ނަސީމް ހިމެނެއެވެ.
އެމްޑީއެން އުވާލުމާއި ގުޅިގެން ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ވަނީ އެމްޑީއެން ރިޕޯޓު ލިޔުމުގައި ބައިވެރިވި ފަރާތްތަކާއި، އެކަމަށް ހިތްވަރުދިން ފަރާތްތަކުގެ ތެރެއިން ރާއްޖެއިން ބޭރަށް ފިލައިގެން ގޮސްފައިވާ ފަރާތްތަކާއި ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.