
އެމްއޭސީއެލް އިން ބުނީ އިތުރު އެއާލައިންތަކެއް އާ ޓާމިނަލަށް ބަދަލުކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެ ގޮތުން އެއާލައިންތަކުން އާ ޓާމިނަލަށް ބަދަލުވުމުގެ ޕްރޮސެސް އާއި އޮޕަރޭޝަންތައް ފުރިހަމައަށް ގެންދެވޭނެ ގޮތުގެ މައުލޫމާތު ދީފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.
އާ ޓާމިނަލަށް ހިދުމަތް ބަދަލު ކުރަން ތައްޔާރުވާ އެއާލައިންތަކުގެ ތެރޭގައި ޗޮންޖިން އެއާލައިންސް، ބިއޯންޑް، ޒިއަމެން އެއާ، އޮމާން އެއާ، ފިޓްސް އޭވިއޭޝަން، ޔޫއެސް ބަންގްލާ އެއާލައިންސް، އެއާ އަރަބިއާ، ބެންކޮކް އެއާވޭސް އަދި ބެޓިކް އެއާވޭސް ހިމެނެއެވެ.
ވީއައިއޭގެ ޓާމިނަލަކީ ޖާގަ ވަރަށް ތަނަވަސް، ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ގާއިމުކޮށްފައިވާ ތަނެކެވެ. އެތަނުގެ ޑިޕާޗާ ހޯލުގައި 47 ޗެކިން ކައުންޓަރު ހުންނަ އިރު، އަމިއްލަ އަށް ޗެކިން ކުރެވޭ ހަ ސެލްފް ސާވިސް ޗެކިން ކިއޮސްކް ވެސް ހުރެ އެވެ.
އާ ޓާމިނަލުގައި ސީޕްލޭން ދަތުރުތަކަށް ހާއްސަ 24 ޗެކިން ކައުންޓަރު ވެސް ހުރެ އެވެ. ވީއައިއޭގެ އާ ޕެސެންޖަރ ޓަރމިނަލުން މިހާރު ހިދުމަތް ދެމުންދަނީ ހަމައެކަނި ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބައިނަލްއަޤުވާމީ ދަތުރުތަކަށެވެ.
އެމްއޭސީއެލުން ކުރިން ބުނީ އާ ޓާމިނަލަށް އިންޓަނޭޝަނަލް ދަތުރުތައް ބަދަލުކުރުމަށް ހަމަޖެހިފައި ވަނީ އޮރާޓް ޕްރޮސެސްގެ ތެރެއިން ކަމަށެވެ. އެކަން ކުރަނީ ބައިނަލްއަގުވާމީ ކޮންސަލްޓަންޓް ފާމެއް ކަމަށްވާ މޮޑާލިސްއާ ގުޅިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ޕްރޮސެސްގެ ތެރެއިން ފަހަރަކު އެއާލައިނެއް އާ ޓާމިނަލަށް ބަދަލުކުރަމުން ގޮސް އަންނަ ސެޕްޓެމްބަރު މަހު ހުރިހާ އެއާލައިނެއްގެ ހިދުމަތް އާ ޓާމިނަލަށް ބަދަލުކުރާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ވީއައިއޭގެ އާ ޓާމިނަލަކީ އަހަރު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ ޓާމިނަލެކެވެ.