
އެ މަނިކުފާނު މިއަދު ބ. އަތޮޅަށް ފެއްޓެވި ދަތުރުގެ ތެރެއިން ކަމަދޫގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ ހަރު ފަށަލައެއް ތަރައްގީކޮށް، ތާރު އަޅައިގެން ނުވަތަ ގާ އަތުރައިގެން ހުރިހާ ރަށެއްގެ މަގުތައް ތަރައްގީ ކުރުމަކީ މުހިއްމުކަމެއް ނޫން ކަމަަށެވެ. އަސި އެއީ ތާއީދު ވެސް ކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ތަރައްގީވަމުން އަންނަ ރަށްރަށުގެ ތަބީއީ ރީތިކަން ވީ ހާވެސް ބޮޑަކަށް ރައްކާތެރިކޮށް ނެތިގެންނުދާނެ ގޮތަށް މަގު ހެދުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑއިގަންނަވާ ކަމަށެވެ. އެކަމަކު ރަށްރަށުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވި އެވެ.
ކަމަދޫގެ ކައުންސިލުން ހުށަހެޅީ އެފަދަ ގޮތަކަށް އެ ރަށުގެ މަގުތައް ހެދުމަށްކަން ރައީސް ފާހަގަކުރެއްވި އެވެ. ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ކަމަދޫގައި މަގުތައް ހަދަނީ މިހާރު ވެސް އޮންނަ ގޮތަށް ވެލި މަގުތައް ރީތިކޮށް ބާއްވައިގެން ފެން ހިންދާ ނިޒާމެއް ހިމަނައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ކަމަދޫގެ އިގްތިސާދީ ތަރައްގީއަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.
އަދި ބ. އަތޮޅުގެ ތަރައްގީގައި ކަމަދޫ އެންމެ ފަހަތުގައި އޮތް އޮތުން ނިމުމަކަށް ގެެނެސް، ހަމަހަމަކަމާ އެކު ތަރައްގީ ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ސިއްހީ ހިދުމަތް ރަނގަޅުކުރައްވައި، އެހެނިހެން ދާއިރާތަކުން ވެސް މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެެވެ.
ރައީސް ބ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
އެ މަނިކުފާނު އެންމެ ފަހުން ވަޑައިގަތީ މިދިޔަ ޖުލައި 21 ގައި ނ. އަތޮޅަށެވެ. އެ އަތޮޅުގެ 13 ރަށަކަށް އެ ފަހަރު ވެސް ވަޑައިގަތެވެ.