
މީގެ ފަސް އަހަރު ކުރިން އަމަލުކުރަން ފެށި ފެނާއި ނަރުދަމާގެ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށީގެންވާ ފެންވަރުގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރަން ޖެހޭނެ އެވެ.
ނަމަވެސް ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު، އަބްދުއްލަތީފް މުހައްމަދު ހުށަހެޅުއްވި އިސްލާހުގައި ވަނީ އެ މުއްދަތު 2027 ގެ ނިޔަލަށް އިތުރު ކުރަން ހުށަހަޅައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ފާސްކުރަން ފެންނަ ކަމަށް 61 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ހަތް މެންބަރުން ވޯޓު ދެއްވި އެވެ.
ފެނާއި ނަރުދަމާ ގާއިމު ކުރަންޖެހޭ މުއްދަތު އިތުރު ކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ގިނަ މެންބަރުން ވަނީ މި ސަރުކާރު ވެރިކަމަށް އައިފަހުން ފެނާއި ނަރުދަމާގެ އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުދާ މައްސަލަ ފާހަގަކޮށްފަ އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރެއްވުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު 2023 ވަނަ އަހަރަށް ފުއްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވީ ނަމަވެސް، ވެރިކަމުގެ ދައުރު ހަމަވިއިރު ބައެއް ރަށްރަށުގައި އެ މަސައްކަތް ނުނިމެ އެވެ.
ނަމަވެސް، އެ ސަރުކާރުން ވަނީ ގިނަ ރަށްތަކެއްގެ މަޝްރޫއު ހަވާލުކޮށްފަ އެވެ. ނަމަވެސް މިހާރު ގިނަ އުމްރާނީ ތަރައްގީގެ މަސައްކަތް ވަނީ ފައިސާގެ ތާށި ކަމާއެކު މަޑުޖެހިފަ އެވެ. މި ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މެންބަރުން ވެސް ވަނީ ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ނުދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.