
މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާ އިތުރު ސުވާލުކުރުމުގެ ފުރުސަތުގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ދެމުން އަންނަ 1،000 ކޯޓާގެ ދަށުން މި އަހަރު ވެސް ހައްޖަށް މީހުން ގެންދިއުމުގައި ފުރުސަތު ދީފައި ވަނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ ހައްޖު ކޯޓާއިން ވައްކަންކުރާ ވާހަކަ އާއި މި ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް އެއީ،" ޝަހީމް ވިދާޅުވި އެވެ.
ހައްޖުވެރިންގެ އެހީތެރިން ނެގުމުގައި އުސޫލުތަކެއް އޮންނަ ކަމަށާއި އެހީތެރިން ނަގަނީ އިއުލާނުކޮށް އިންޓަވިއުކޮށްގެން ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ މި އަހަރު ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުންގެ ލިސްޓުގެ ތަރުތީބުން ހައްޖަށް ގެންދިޔައީ ކިތައް މީހުންތޯ މިނިސްޓަރާ ސުވާލުކުރައްވާފަ އެވެ.
ޖަވާބުގައި މިނިސްޓަރު ޝަހީމް ވިދާޅުވި 50 ޖާގަ ހާއްސަކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުގެ ދަށުން ފަގީރުންގެ ތެރެއިން ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދިޔަ މީހުންނަށެވެ.
ޝަހީމްގެ ޖަވާބާއި ގުޅިގެން އިތުރު ސުވާލުކުރުމުގެ ފުރުސަތުގައި މެންބަރު ޒިޔާދު ވަނީ ހައްޖު ކޯޕަރޭޝަންގެ ވެރިންނާއި އާއިލާގެ ބޭފުޅުން ހައްޖަށް ދަނީ 1،000 ކޯޓާގެ ތެރެއިންތޯ ސުވާލު ކުރައްވާފަ އެވެ. އަދި އެ އަހަރަކު ހައްޖަށް ދެވޭނެ މީހުން އާންމުކޮށް އެނގޭނެ ނިޒާމެއް އޮވޭތޯ ސުވާލު ކުރައްވާފަ އެވެ.
ތަރުތީބު ލިސްޓުން ބޭރުން ޖާގަ ދީފައި ހުންނާނީ އެހީތެރިންގެ ގޮތުގައި ގެންދެވޭ މީހުންނަށް ކަމަށް ދޭހަވާ ގޮތަށް ޝަހީމު ވިދާޅުވީ އެ ފުރުސަތު ދެނީ ވެސް އާންމުކޮށް އިއުލާނުކޮށްގެން ކުރިމަތިލާ މީހުންނާ އިންޓަވިއުކޮށްގެން ކަމަށެވެ.
އެހީތެރިންގެ ގޮތުގައި ގެންދާނީ ހަށިގަނޑުގައި ވަރުހުރި ގަދަފަދަ މީހުން ކަމަށެވެ. އަދި އެހީތެރިންގެ ގޮތުގައި ގެންދާނޭ މީހުން ކަނޑައަޅާފައިވަނީ ހައްޖު ކޯޕަރޭޝަނުން އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް ޝަހީމު ވިދާޅުވި އެވެ.
ޝަހީމް އިތުރަށް ވިދާޅުވީ ހައްޖު ކޯޓާ ފޯރުކޮށްދިނުމުގައި ވަކި އާއިލާއަކަށް ވަކި މީހަކަށް ނުބަލާ ކަމަށާއި އުސޫލުތައް އެގޮތަށް ތަން ނުދޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އިންސާފުވެރިކަމާ އެކު ކޯޓާގެ ކަންކަން ތަރުތީބު ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސަތުގައި ވަނީ އުސޫލުތަކެއް ކަނޑައަޅުއްވާފައި ކަމަށެވެ. އެގޮތުން މިނިސްޓަރު ފާހަގަކުރެއްވި ކަންކަމަކީ:
- އަލަށް ހައްޖަށް ދާ ފަރާތްތަކަށް އިސްކަން ދިނުން
- ކޮންމެ ފަސް އަހަރަކުން ނޫނީ ތަކުރާރުކޮށް ކޯޓާ ނުދިނުން
- އުމުރުން 65 އަހަރުން މަތީ މީހުންނަށް ވަކި ޕަސެންޓެއް ކޮންމެ އަހަރަކު ކަނޑައެޅުން
- ހައްޖުގެ އާމިލުންނާއި ހިދުމަތްތެރީންނާއި ސިއްހީ މާހިރުން މިކަންކަމުން އިސްތިސްނާވުން.
މި ކަންކަން ތަންފީޒުކޮށް ފުރިހަމަވާނީ 1447 ވަނަ އަހަރުގެ ހައްޖުގަ އެވެ. މި ބަދަލުގެ ސަބަބުން ކިއު ތަރުތީބު ކުރުމުގައި އުމުރުން އެންމެ ދުވަސްވީ މީހުންނާއި އަލަށް ހައްޖަށް ދާ މީހުންނަށް އަބަދުވެސް އިސްކަން ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.