
ރައީސް އޮފީހުން ބުނީ ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ހިންގި އިދާރާއެއްގެ ގޮތުގައި އެ އިދާރާ އޮތް ހައިސިއްޔަތު ބަދަލުވެ، އެއީ ސީދާ މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ.
އަދި އެ އިދާރާގެ ނަން ވަނީ "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށް ބަދަލުކުރައްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ އެ ބަދަލު ގެނައީ އީޕީއޭއިން މިހާއިތަނަށް ކުރަމުން އައި މަސައްކަތަކީ ތިމާވެށި ރެގިއުލޭޓު ކުރުމުގެ މަސައްކަތް ކަމަށް ވާތީ އެ އިދާރާއިން ކުރާ މަސައްކަތާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސުމަށް ކަމަށެވެ.
އަދި އެ ބަދަލާއެކު އެ އިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާވެ ހަލުވި ވެގެންދާނެ ކަަމަށް ރައީސް އޮފީހުން ބުންޏެވެ.
އީޕީއޭ އުވާލައި އެތަނުގެ ބާރުތައް ކުޑަކޮށް ގެނައި މި ބަދަލާ ގުޅޭ ގޮތުން ތިމާވެށީގެ ދާއިރާގެ ބޭފުޅުން ވަނީ މިއަދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އީޕީއޭއަކީ ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ވެރިކަމުގައި ވެސް މިނިވަން ކުރާނެ ކަމަށް ވިދާޅުވި އިދާރާއެކެވެ. ނަމަވެސް ފަސް އަހަރުގެ ދައުރެއް ނިމުނުއިރު ވެސް އީޕީއޭ ފުރިހަމަ ބާރުތަކާއެކު މިނިވަނެއް ނުވެއެވެ.
އީޕީއޭއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސްއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، "އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ"ގެ ނަމުގައި 18 ޑިސެންބަރު 2008 ގައި ރައީސް އުފައްދަވާފައިވާ އިދާރާއެކެވެ.