
ދިވެހި ބޭސްވެރިންގެ ޖަމިއްޔާއިން މާލެ ސިޓީ ކައުންސިލާ ބައްދަލުކޮށް، ދިވެހި ބޭސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތައް ވަނީ ކައުންސިލާ ހިއްސާކޮށްފަ އެވެ.
އެގޮތުން ދިވެހި ބޭހަށް ބޭނުންކުރާ ގިނަ ބާވަތްތަކުގެ ފަތްޕިލާވެލި، ފަސޭހައިން މާލެ ސަރަހައްދުން ތާޒާކަމާއެކު ހޯދުމުގައި ދަތިތަކެއްހުރިކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި މިއީ ދިވެހި ބޭސްވެރިން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށް އެޖަމިއްޔާއިން ވަނީ ބުނެފަ އެވެ
މި ބައްދަލުވުމުގައި ވާހަކަދައްކަމުން މާލޭގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، ދިވެހި ބޭސްވެރިކަމަކީ ޒަމާނުއްސުރެ ދިވެހިން ޞިއްޙީ ދުޅަހެޔޮކަމަށް ބޭނުންކުރަމުން އައިސްފައިވާ، އަދި ދިވެހިންނަށް ވަރަށް މުހިންމު ތަރިކައެއް ކަމަށާއި ނަމަވެސް، މިހާރު މި ތަރިކަ އުވިގެން ނެތިގެންދާކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. އެހެންކަމުން މި ދާއިރާ ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ބަލައި، އެ ކަންކަމަށް ކައުންސިލުން މަގުފަހިކޮށްދެއްވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
އެގޮތުން ދިވެހި ބޭސްވެރިކަމަށް ބޭނުންވާ މުހިންމު ފަތްޕިލާވެލި ލިބިދިނުމަށް ފަސޭހަކުރުމަށް، އެ ފަދަ ގަސްތައް މާލެ ސިޓީގެ ޕާކުތަކާއި، ސަހަރާތަކާއި، މިސްކިތްތަކުގައި އިންދައި، އާލާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން، ޒީނަތްތެރިކުރުމަށް އިންދާ ގަސްތަކުގެތެރޭގައި ވެސް، ބޭސްވެރިކަމަށް ބޭނުންވާ ގިނަ ގަސްތައް އިތުރުކުރުމަށް ކައުންސިލަށް ހުށަހަޅައިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ދިވެހި ބޭސްވެރިންގެ ޖަމިއްޔާގެ ރައީސް މުހައްމަދު އަހުމަދު ވިދާޅުވީ، ދިވެހި ބޭހަށް ބޭނުންކުރާ ގިނަ ބާވަތްތަކުގެ ފަތްޕިލާވެލި، ފަސޭހައިން މާލެ ސަރަހައްދުން ތާޒާކަމާއެކު ނުލިބޭ ކަމަށެވެ. މިއީ ދިވެހި ބޭސްވެރިން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށް ވެސް އަހުމަދު ފާހަގަކުރެއްވި އެވެ.
އެވޭލާ ޒަމާނުންފެށިގެން، މިއަދާ ހަމައަށް ވެސް ދިވެހި ބޭސްވެރިކަމަކީ، އިތުބާރު ހުރި ބޭސްވެރިކަމެކެވެ. ދިވެހި ބޭސްވެރިކަން ކުރިއެރުވުމަށް ދިވެހި ބޭސްވެރިންގެ ޖަމިއްޔާ އުފައްދާފައި ވަނީ 1980ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ.
މާލެ ސަރަހައްދުގައި ދިވެހި ބޭސްވެރިކަން ކުރާ ކުލިނިކްތައް އަންނަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. އަދި އެ ތަންތަނުން ޚިދުމަތް ހޯދާ ފަރާތްތައް ވެސް ވަރަށް ގިނައެވެ