
ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭ އަތޮޅުތަކަކީ ހއ، ށ، ނ، ކ، މ، ދ އަދި ބ. އަތޮޅެވެ. މި ވަގުތު އިތުރު ފަސް އަތޮޅެއްގެ 23 ރަށެއްގައި އޭޓީއެމް ހިދުމަތް ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ. ބާކީ ހަތް އަތޮޅުގެ 33 ރަށުގައި ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އޭޓީއެމްގެ ހިދުމަތް ފަށާނެ އެވެ.
ބ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭން ފެށުމާ ގުޅިގެން ޝަރީފް ވިދާޅުވީ އޭޓީއެމުން ދޭ ހިދުމަތަކީ ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް އަސާސީ ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް އޮތް އެންމެ ފުރިހަމަ އެއް ވަސީލަތް ކަމަށެވެ. އޭޓީއެމްގެ ބޭނުންތެރިކަން މާލޭގައި ގާއިމްކޮށްފައިވާ އޭޓީއެމްތަކުން ކުރާ މުއާމަލާތްތަކުގެ އަދަދުންނާއި އޭޓީއެމް ބޭނުންކުރުމަށް ކޮންމެ ވަގުތަކު ކޮންމެ އޭޓީއެމް ސެންޓަރެއްގެ ކިޔުއަށް ބަލާލުމުން ވެސް ފެންނަ ކަމަށެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޭޓީއެމްގެ ހިދުމަތް މިހާ ބޭނުންތެރި ހިދުމަތަކަށް ވެފައި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ހިދުމަތް ބޭނުންތެރި ހިދުމަތަކަށް ނުވާންވީ ސަބަބެއް ގަބޫލެއް ނުކުރެއްވޭ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގައި ނަގުދު ފައިސާ ބޭނުންކުރުން އެއްކޮށް ހުއްޓާލަންދެން އޭޓީއެމް ހިދުމަތް ނުދީ ތިބެން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ބޭނުންވަނީ ތަފާތުކުރުމެއް ނެތި، މާލެއެކޭ އެއްފަދައިން ބޭންކުގެ ހިދުމަތްތައް ހުރިހާ ރަށެއްގައި ވެސް ގާއިމްކުރުމަށް ކަމަށެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. ރައީސްގެ ވައުދާ އެއްގޮތަށް މި އަހަރުގެ ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ބީއެމްއެލުން އަންނަނީ ކުރަމުންނެވެ.