
ރައީސް ޑރ. މުހައްމަދު މުއިއްޒު، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފު، ފަލަސްތީނު ރައްޔިތުންގެ އަމިއްލަ ނިންމުމުގެ ހައްގަށް އުނިކަން ލިބޭ ކަމެއް ކަމަށެވެ.
އެއާއެކު، އެ މަނިކުފާނު ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، އެ މީހުންނަށް ކުރިމަތިވެފައިވާ ބިރުވެރި ހާލަތު ނިމުމަކަށް ގެނައުމަށްޓަކައި، މުޅި ދުނިޔެ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވައިފަ އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުގެ މިފަދަ ރޭވުންތަކުގެ ސަބަބުން، މުޅި މެދުއިރުމަތީގެ ސަރަހައްދަށް ނުތަނަވަސްކަން ކުރިމަތިވެ، ހަމަނުޖެހުމުގެ ތެރެއަށް ވެއްޓުމުގެ ފުރުސަތު ބޮޑުވަމުންދާ ކަމަށެވެ.
އިޒްރޭލުގެ ސިފައިން ގައްޒާއާ ދެކޮޅަށް މިހާރު ކުރަމުން ދާ ހަނގުރާމަ ފެށީ، 7 އޮކްޓޫބަރު 2023 ގައި ހަމާސް ޖަމާއަތުން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި 1،147 މީހުން މަރާލައި 240 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ ވިދިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ގާޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ދެ އަހަރަށް ދާއިރު، އިޒްރޭލުގެ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 60،000 އަށް ވުރެ ގިނަވެފަ އެވެ. އޭގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
އިޒްރޭލުގެ ހިސާރުގެ ސަބަބުން ގާޒާ ބަނޑަށްޖެހި ވަރަށް ނުރައްކާތެރި ހާލަތެއްގަ އޮތް ކަމުގެ އިންޒާރު އދ. އިން ވެސް ދެމުން ދާއިރު އިޒްރޭލުން ބުނަމުންދަނީ އެހީގެ ސާމާނު ގާޒާއަށް ވެއްދޭ ކަމަށާއި ކާބޯތަކެތި އެކަށީގެންވާ ވަރަށް ވެއްދޭ ކަމަށެވެ.