މަނަވަރު އެމްއެންޑީއެފާ ހަވާލުކުރީ ހުޅުމާލެ އެމްޕީއެލް ސަރަހައްދުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
ތުރުކީ ހަދިޔާކުރި މި މަނަވަރަށް ދީފައިވާ ނަމަކީ 'ދަރުމަވަންތަ' އެވެ.
ތުރުކީ ދިން މަނަވަރު 'ދަރުމަވަންތަ' ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މަނަވަރު 'ދަރުމަވަންތަ' ޤައުމީ ދިފާޢީ ބާރާއި ހަވާލުކޮށް ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި މަނަވަރު ހަވާލުކޮށްދެއްވީ ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑާ އެޑްމިރަލް ކަދިރް ޔިލްޑްޒްއެވެ. ރާއްޖޭގެ ފަރާތުން މަނަވަރާ ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.
ތުރުކީ ދިން މަނަވަރު 'ދަރުމަވަންތަ' ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއަށް ތުރުކީން ހަދިޔާކުރި މަނަވަރަކީ ޓީސީޖީ ވޯލްކަން، ޕީ-343 މަރުކާގެ މަނަވަރެކެވެ. ޖަރުމަނުގެ ކުންފުންޏަކުން ޑިޒައިންކުރި އެ މިސައިލް ބޯޓްތަކަކީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާއެކު ތުރުކީ ކަނޑުގެ ސިފައިން ބޭނުންކުރަން ފެށި ފުރަތަމަ މަނަވަރެވެ.
މި މަނަވަރަކީ 44 އަހަރުވެފައިވާ ދުވަސްވީ އުޅަނދެކެވެ. އެ މަނަވަރު ތުރުކީގެ އަސްކަރިއްޔާގެ ބޭނުމަށް ތުރުކީ ނޭވީއަށް ނެރުނީ 1981 ވަނަ އަހަރުކަމަށެވެ. އަދި އެބޯޓަށް ގިނަދުވަސްވެފައި ވުމުން އެ ބޯޓު މިހާރު ބޭނުންކުރަމުން އަންނަނީ ތަމްރީނުތަކުގައި ބޭނުންކުރާ މަނަވަރެއްގެ ގޮތުގައިކަމަށްވެސް ތުރުކީގެ ނޫސްތަކުން ބުނެއެވެ.