ads
ބިލް ހެދުމުގައި ނާޒިމް އުޅުނު، ނުބައި އެޖެންޑާއެއް އޮތްކަން ދޭހަވޭ: އެމްޖޭއޭ
ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރަން ހުށަހަޅާފައިވާ ބިލް އެކުލަވާލުމުގައި މަޖިލީހުގެ ނައިބު ރައީސް ބައިވެރިވިކަމަށާއި އެކަމުން އަޑީގައި ނުބައި އެޖެންޑާއެއް އޮތްކަން ދޭހަވާކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.
Advertisement

އެ ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ތުޅާދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ، 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން'ގެ ބިލަކީ، އޭނާ ކުރިން ހުށަހެޅުއްވި ބިލެކޭ އެއްފަދައިން ރާއްޖޭގެ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އެކީހެން ގެއްލިގެން ދާނޭ ބިލެއްކަމަށެވެ. 

އެ ބިލް ފަރުމާކޮށްފައި އޮތީ މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާކޮށް، މީޑިއާތައް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސް، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ބޭއްވުމުގެ ފަލްސަފާގައި ކަމަށް އެމްޖޭއޭއިން ނެރުނު ބަޔާނުގައިވެއެވެ. 

" ނޫސްވެރިންނާއި މީޑިޔާތައް ކުށްވެރިވާ ގޮތަށް ހުރި މާއްދާތަކުގައި މާނަ ސާފުނުވާ، ނާޖާއިޒު މަންފާ ނެގޭނޭ ފަދަ ގިނަ އިބާރާތްތަކެއް އެ ބިލްގައި ހިމަނާފައިވާއިރު ނޫސްތައް ބަންދުކޮށް، ޖޫރިމަނާކޮށް ނޫސްވެރިންނަށް ބޮޑެތި އަދަބުތަކެއް ދޭން އެބިލުގައި ހިމަނާފައިވުމަކީ މި ޖަމްއިއްޔާއިން ދެކޮޅު ހަދާކަމެކެވެ. އަދި މިއީ މިނިވަން ނޫސްވެރިކަން އެކީ މަރާލުމެވެ." އެމްޖޭއޭއިން ނެރުނު ބަޔާނުގައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރުން ތިއްބަވައި އަދި އެމަނިކުފާނު ކަނޑައަޅުއްވާ ރައީސްއެއް ހުންނަވާ ކޮމިޝަނަކުން މީޑިއާތައް ރެގިއުލޭޓް ކުރުމަކީ އެއްވެސް ގޮތަކުން މި ބަލައިގަންނާނޭ ކަމެއް ނޫންކަމަށާއި މީޑިއާތަކުން އެ ކޮމިޝަނަށް އިންތިހާބުކުރާ މެންބަރުންވެސް މަޖިލީހުގެ އިތުބާރު ނެތްކަމުގެ ވޯޓަކުން ވަކިކުރެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫންކަން ފާހަގަކޮށް އެކަމާއި ދެކޮޅު ހަދާކަންވެސް އެމްޖޭއޭގެ ބަޔާނުގައިވެއެވެ. 

" މިފަދަ ބިލެއް ފަރުމާކޮށް މަޖިލީހަށް ހުށަހެޅިއިރު އެކަށީގެންވާ ގޮތެއްގައި މީޑިއާތަކާއި ނޫސްވެރިންނާ މަޝްވަރާކޮށްފައި ނުވާކަމީ މި ބިލް ހުށަހެޅުމުގައި ހެޔޮ ނިޔަތް އޮތް ކަމާ މެދު ސުވާލު އުފެދޭ ކަމެއް. އަދި މި ބިލާ ގުޅޭ އެކި ކަންކަމުގައި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އިސްކޮށް އުޅުއްވިކަން ކަށަވަރުވާއިރު ޕާޓީއަކަށް ނިސްބަތްނުވާ އަމިއްލަ މެމްބަރެއްގެ ނަމުގައި ބިލް މަޖިލީހަށް ހުށަހެޅުމަކީ މިކަމުގެ އަޑީގައި ނުބައި އެޖެންޑާއެއް އޮތްކަން ދޭހަވާ ކަމެއްކަން ވެސް މި ޖަމްއިއްޔާއިން ފާހަގަކުރަން." އެމްޖޭއޭގެ ބަޔާނުގަި ބުނެފައިވެއެވެ.

ތަޖުރިބާތަކުގެ މައްޗަށް ބަލާއިރު މިހާރު އޮތް ނިޒާމް އިސްލާހުކުރަން ޖެހިފައިވީ ނަމަވެސް، ދެން އެކުލަވާލާ ނިޒާމު ވާންވާނީ ސަރުކާރުގެ ނުފޫޒުން އެކީ ސަލާމަތްވެފައިވާ ނޫސްވެރިން އެ މީހުން އަމިއްލައަށް މީޑިއާގެ އުސޫލުތައް ކަނޑައަޅާ ރެގިއުލޭޓް ކުރާ ގޮތަށް އޮންނަ ބާރުވެރި ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ކަމަށް އެމްޖޭއޭއިން ބުނެއެވެ. އަދި އެފަދަ ނިޒާމެއް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއްކަންވެސް އެމްޖޭއޭއިން ވަނީ މި ހަދާންކޮށްދީފައެވެ.  

" މި ސަބަބުތައް އެހެން ހުރުމުން މިހާރު ހުށަހަޅާފައިވާ ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރާ ބިލަށް މި ޖަމްއިއްޔާއިން ތާއީދެއް ނުކުރަމެވެ. އަދި އެ ބިލް އަނބުރާ ގެންދިޔުމަށް އެންމެހާ ނޫސްވެރިންގެ ފަރާތުން ބިލް ހުށަހެޅި މެމްބަރަށް މި ޖަމްއިއްޔާއިން ގޮވާލަމެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އަދި ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ވެސް މި ޖަމްއިއްޔާއިން ގޮވާލަނީ އެ ބިލަށް ވޯޓް ނުދީ ބިލް ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލުމަށެވެ." އެމްޖޭއޭގެ ބަޔާނުގައިވެއެވެ.

ސަރުކާރާއި ގާތް ގުޅެމެއް އޮންނަ މެމްބަރު ހަންނާނު މީގެކުރިންވެސް ވަނީ ސަރުކާރަށް މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅުއްވާފައެވެ. މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލްގެ ނަމުގައި ހުށަހެޅުއްވި އެ ބިލް އަނބުރާ ގެންދެވީ، ނޫސްވެރިންނާއި މީޑިއާތަކުގެ ކަންބޮޑުވުންތައް ފާޅުކޮށް ސަރުކާރަށް ފާޑިކިޔުންތައް އަމާޒުވުމުންނެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް