
ރައީިސަށް ބާރުދީ، މީޑިއާތައް އުވާލެވޭ ގޮތް ހަދާ މީޑިއާތައް ކޮންޓްރޯލްކުރުމަށް އަނެއްކާވެސް ރައްޔިތުން މަޖިލިހަށް ބިލެއް މިވަނީ ހުށައަޅާފައެވެ، މިފަހަރުވެސް ހުށަހެޅުއްވީ ކުރިންވެސް މީޑއާތަކުގެ މިނިވަން ގެއްލޭގޮތަށް ބިލެއް މަޖިލިހަށް ހުށައެޅުއްވި ތުޅާދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.
މި ބިލާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބިލަކީ ރައީސް މުއިއްޒުގެ ސަރުކާރުން މީޑިއާގެ މިނިވަންކަން ގެއްލުވާލުމަށް ކުރި އިތުރު ނުބައި، ސިއްރު މަސައްކަތެއް ކަމަށެވެ.
އެމްޑީޕީގެ ރައީސް އަބްދު ﷲ ޝާހިދު
މި ބިލާއި ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުވެސް ވަނީ ކަންބޮޑުވުން ފަލުކުރައްވާފައެވެ، ޝާހިދި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުދުމުހުތާރު ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުންކަމަށެވެ.
މިއަދު އޮތް ނޫސްވެރިކަމާއި ހަމައަށް ދަތުރުކޮށްފައި މިވަނީ އެތައް ގުރުބާނީ ތަކަކަށްފަހު ކަމާއި އެހެންކަމުން ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމަށް މި ސަރުކާރަށް ފުރުސަތު ނުދިނުމަށް އެންމެހާ ނޫސްވެރިންނަށާއި ރައްޔިތުންގެ މަޖިލިހުގެ އިއްޒަތްތެރި މެމްބަރުންނަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.